28 Nov 2015, 01:19
އޭޑީކޭ ހޮސްޕިޓަލުގެ މިއަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ނަޒްމާ ހަމީދު ހޮވިއްޖެ އެވެ.
ނަޒްމާ އަކީ އޭޑީކޭ ހޮސްޕިޓަކުގައި ގައިނަކޮލެޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒިފެކެވެ.
އޭޑީކޭގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފަކަށް ނަޒްމާ ހޮވުމުން އޭނާ އަށް ވަނީ 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި އެކަކާ އެކު ހޮންކޮންގް އަށް ތިން ދުވަހުގެ ދަތުރެއް މުޅިން ހިލޭ ދިންއިރު ޑިސްނީ ލޭންޑަށް ފްރީ ޓުއާއެއް އޭނާ އަށް ވަނީ ދީފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި އެވޯޑް ހާސިލްކުރި ބައެއް މުވައްޒަފުން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެމްޕްލޯއީ އޮފް ދަ އިއާގެ އިތުރުން ކަނޑައަޅާފައިވާ މިންގަނޑުތައް ހާސިލްކުރާ އިތުރު 10 މުވައްޒަފުންނަށް ވެސް އެވޯޑް ދީފައިވެ އެވެ. އެއީ ފަސް ގޯލްޑް ޕާފޯމާސް އާއި ފަސް ސިލްވާ ޕާފޯމާސް އެވެ. އެ ޚާއްސަ އެވޯޑްތަކުގެ އިތުރުން ހާޒިރީއާއި މަސައްކަތުގައި ފާހަގަކުރެވޭ މުވައްޒަފުންނަށް ހިތްވަރުދިނުމުގެ ގޮތުން ވަނީ ސެޓްފިކެޓް ވެސް ދީފަ އެވެ.
އެވޯޑާއި ސެޓްފިކެޓް ހާސިލްކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި އެ ހޮސްޕިޓަލުގެ ހުރިހާ ގިންތިއެއްގެ މުވައްޒަފުން ހިމެނެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި އޭޑީކޭގެ އެމްޑީ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، އެމްޕްލޯއީ ޕާފޯމަންސް އެވޯޑަކީ ކޮންމެ އަހަރަކު ވެސް އޭޑީކޭ ހޮސްޕިޓަލުގެ މުވައްޒަފުންގެ ތެރެއިން ފާހަގަކުރެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންނަށް ދޭ އެވޯޑެއް ކަމަށެވެ.
އެގޮތުން މިރޭ އެވޯޑް ހާސިލްކުރި މުވައްޒަފުންނަކީ ނަމޫނާ އަދި ހިތްވަރު ގަދަ މުވައްޒަފުންތަކެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭޑީކޭ ހޮސްޕިޓަލުން މި އެވޯޑް ދެމުން ދާތާ މިއީ ފަސްވަނަ އަހަރެވެ.