ކޮލަމްބޯ (ނޮވެމްބަރ 27) :ވިޔަފާރިވެރިއަކު ވަގަށް ނެގުމާއި ގަތުލުކުރުމުގެ ކުށުގައި ސްރީލަންކާގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް ވާސް ގުނަވަރުދެނާ އާއި އޭނާގެ ދަރިފުޅު ރަވިންދު ގުނަވަރުދެނާ އާއި އިތުރު ހަތަރު ފުލުހަކަށް ކޮލަމްބޯ ކޯޓަކުން އިއްޔެ މަރުގެ ހުކުމް ކޮށްފި އެވެ.

ގުނަވަރުދެނާ އަކީ މިހާތަނަށް މީހަކު މަރާލިކަމަށް ސާބިތުވި ސްރީލަންކާގެ އެންމެ އިސް ފުލުސް މީހާ އެވެ.

ދެހާސްތޭރައިގައި ހިނގި އެ ހާދިސާގައި މަރާލާފައި ވަނީ މުހައްމަދު ޝިޔާމް ކިޔާ ވިޔަފާރިވެރި އެކެވެ. އޭނާ މަރާލަފައި ވަނީ ވިޔަފާރީގެ ދެކޮޅުވެރިކަމުގެ ސަބަބުން އެހެން ވިޔަފާރިވެރިއަކު ގުނަވަރުދެނާ އަށް 10 މިލިއަން ރުޕީސް (71،000 ޑޮލަރު) ދީގެންނެވެ.

އެ ހަމަލާގައި ގުނަވަރުދެނާ ބައިވެރިވިކަން ސާބިތުވެފައި ވަނީ އޭނާގެ ދަރިފުޅު ރަވިންދު ހާދިސާ ހިނގި ދުވަހުގެރޭ ދުއްވަން އިން ވޭނަކަށް ޝިޔާމް އަރުވައިގެން ދާތަން ސީސީޓީވީ ފުޓެޖް އިން ފެނުމުންނެވެ. ރަވިންދު އަށް ވެސް ވަނީ މަރުގެ ހުކުމް ކޮށްފަ އެވެ.

މަރުގެ ހުކުމް އިއްވި އިތުރު ހަތަރު މީހުންނަކީ ގުނަވަރުދެނާ އާ އެއްކޮށް މަސައްކަތްކުރި ހަތަރު އޮފިސަރުންނެވެ.

ސްރީލަންކާގައި ހިނގައި ދިޔަ މަދަނީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަށްފަހު ވެސް ސަރުކާރާ ދެކޮޅު ފަރާތްތައް ގެއްލުމަކީ އާއްމު ކަމެކެވެ. އެހެންކަމުން މީހުން ގެއްލިގެން ހޯދާ ގިނަ ކޭސްތައް ދިޔައީ ތަހުގީގު ނުކުރެވި އެވެ.

ސްރީލަންކާގެ ހަނގުރާމާގައި ކުރީގެ ސަރުކާރުން ހިންގާފާއިވާ ލާއިންސާނީ ޖަރީމާތައް ބައިނަލްއަގުވާމި ދުނިޔެއިން ވަނީ ކުށްވެރިކޮށްފަ އެވެ. ނަމަވެސް، ރާޖަޕަކްސަގެ ސަރުކާރުން ވަނީ މީހުން ވަގަށް ނެގުމުގައި އެ ސަރުކާރުގެ އަތެއް ނުވާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.

މައުލޫމާތު: ގަލްފް ޓުޑޭ