28 Nov 2015, 10:15
ތުރުކީ އަށް އުފަން އުމުރުން 67 އަހަރުގެ ހާނިމް އޮޒްގުލް އަށް އޭނާގެ ބަނޑުގައި ކަތުރެއް އޮތްކަން އެނގުނީ، ޑޮކްޓަރުގެ ލަފާގެ މަތިން ހެދި އެކްސްރޭއަކަށް ފަހުގަ އެވެ.
ހާނިމް އާ ހަވާލާދީ ސެންޓްރަލް ޔޫރަޕިއަން ނިއުސް (ސީއީއެން) އިން ބުނީ، ޔުޓެރަސްއަށް ޖެހުނު ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް މީގެ ފަސް އަހަރު ކުރިން އޭނާ ސާޖަރީއެއް ހެދި ކަމަށެވެ.
އަދި އެ ސާޖަރީއަށް ފަހު ބަނޑުގައި ރިއްސާތީ އެކިފަހަރު މަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ވެސް އެ ނޫހުން ބުނެ އެވެ.
ސީއީއެން އިން ބުނީ، ހާނިމްގެ ބަނޑުގައި ރިއްސަނީ "ރިކަވާ" ވާތީ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި އެހެންނަމަވެސް ވެގެން އުޅޭގޮތް އެނގުނީ އެހެން ހޮސްޕިޓަލަކަށް ދެއްކުމުން ކަމަށެވެ.
"އެހެންވެ އަހަރެން އެހެން ހޮސްޕިޓަލަކަށް ދެއްކީ. އެތަނުން ބެލި ޑޮކްޓަރު އަހަންނަށް ލަފާ ދިނީ އެކްސްރޭއެއް ނަގަން. އެކްސްރޭ ނެގި އިރު މެޝިން އެލާމް އެޅި. އަދި ޖީބުގައި ކަތުރެއް އޮތް ކަމަށް ޑޮކްޓަރު ބުނި،" ހާނިމް އާއި ހަވާލާދީ ސީއީއެން އިން ބުނެ އެވެ.
އެހެންނަމަވެސް އެއީ ޖީބުގައި އޮތް ކަތުރެއް ނޫން ކަމާއި، އެއީ ހާނިމްގެ ބަނޑުގައި އޮތް "ސާޖިކަލް ކަތުރެއްކަން" ޑޮކްޓަރުންނަށް ފަހުން އެނގިފައިވާ ކަމަށް ވެސް އެ ނޫހުން ބުނެ އެވެ.
ސީއީއެން އިން ބުނީ، ހާނިމްގެ ބަނޑުގައި ރިއްސާ ސަބަބަކީ ބަނޑުގައި އޮތް ކަތުރު ކަމަށާއި، 2010 ވަނަ އަހަރު ހެދި ސާޖަރީގައި ހަރަކާތްތެރިވި ޑޮކްޓަރުންނާ ދެކޮޅަށް ދައުވާ ކުރުމަށް ހާނިމް މިހާރު ނިންމާފައިވާ ކަމަށެވެ.