ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިލްޓަން އަޒުލިފް ރައޫފް މަރުވެއްޖެކަމަށް ގަބޫލުނުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ވީނުއުސް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އުމަރު ވިދާޅުވީ ބޭރު ގައުމެއްގެ ދާޚިލީ ހަނގުރާމައެއްގައި ބައިވެރިވާން ގޮސް އަޒުލިފް މަރުވެފައިވާކަމަށް ބުނެ އަޑުތައް ފެތުރުނުނަމަވެސް އެކަން ގަބޫލުނުކުރައްވާ ކަމަށެވެ.

އަޒުލިފް މަރުވެއްޖަކަމަށް އަޑުތައް ފަތުރަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ހޯދަން ސަރުކާރުން މަސައްކަތްކުރާތީ އޮޅުވާލުމުގެގޮތުން ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

"އަޒުލީފް މަރުވެއްޖެ ކަމަށް ބުނާ ވާހަކަ އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެއީ އަޅުގަނޑުމެންނަށް އޮޅުވާލުމަށް ދައްކާ ވާހަކައެއް. އަޅުގަނޑުމެން ގަބޫލުކުރަނީ އަދިވެސް އޭނަ ދުނިޔޭގައި އެބަހުރި ކަމަށް،" ވީނިއުސް އަށް ދެއްވި އިންޓަވިއުގައި އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އަޒުލީފް މަރުވި ކަމަށް ބުނާ ވާހަކައިގެ ހަގީގަތް ހޯދުމަށް އެކުވެރި ގައުމުތަކުގެ އިންޓެލިޖެންސް ސޯސްތަކާ ވާހަކަ ދައްކާފައިވާއިރު، އެއިން އެއްވެސް ސޯސްއަކުން އޭނާ މަރުވިކަމަށް ކަށަވަރުކޮށްދީފައިނުވާ ކަމަށެވެ.

"އެހެންވީމަ ގަބޫލެއް ނުކުރަން އޭނަ މަރުވެއްޖެ ކަމަކަށް،" އުމަރު ވިދާޅުވި އެވެ.

ސީރިއާގައި ކުރަމުން އަންނަ ދާޚިލީ ހަނގުރާމައަށް ގޮސް އަޒުލިފް މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އޭނާގެ އާއިލާގެ ބައެއް މީހުންނާ ވާހަކަދެއްކި ފަރާތްތަކުން ބުނީ އާއިލާ އިން ހަދަނީ ދޮގެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ އަޒުލިފް ސީރިއާއަށް ދިޔަ ކަމަށް އަޑުފެތުރުނަމަވެސް އޭނާ ދިޔައީ ކޮން ގައުމަކަށް ކަން އަދި ކަށަވަރުނުވާ ކަމަށެވެ.

އެފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މީހަކަށްވާއިރު އަޒުލިފަށް ފުރައިގެން ދެވުނީ ކީއްވެތޯ ދެންނެވުމުން މިނިސްޓަރު އުމަރު ވިދާޅުވީ އޭނާ އަކީ ވަރަށް ބޮޑު ކުށްވެރިއެއް ކަމުގައިވުމުން އެކި ގޮތްގޮތް ހޯދައިގެން އޭނާ ދިޔައީ ކަމަށެވެ.

"އަޒްލީފް މީހަކު ފޮނުވާކަށް ނުޖެހޭ. އޭނައަކީ ބޮޑު ކްރިމިނަލްއެއް. އޭނަ އެކި ގޮތްގޮތް ހޯދައިގެން ތަންތަނަށް ރިޝްވަތު ދީގެންނާއި، ވައްކަން ކޮށްގެންނާއި، ފޭރިގެން ފައިސާ ހޯދައިގެންނާއި ގޮތްގޮތް ހަދައިގެން ދެވޭނެ. އެގޮތުން އޭނަ ގޮސްފައި އެހުރީ" ވީނުއުސް އަށް ދެއްވި އިންޓަވިއުގައި އުމަރު ވިދާޅުވި އެވެ.

އަޒުލިފް ރާއްޖެއިން ބޭރަށް ފުރައިގެންދިޔައީ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔަ ހިސާބުންނެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ގެއްލުމުގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ މީހަކީ އަޒުލިފް ކަމަށް ވެސް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.