ބެންޣާޒީ : ލީބިޔާގެ ޒަޢީމް މުޢައްމަރުލް ގައްޒާފީގެ އަނިޔާވެރިކަމުން ލީބިޔާގެ ޢާންމުން ޙިމާޔަތް ކުރުމުގެ ނަމުގައި ލީބިޔާއާ ދެކޮޅަށް ޢަސްކަރީ އޮޕަރޭޝަންތައް ހިންގަމުންގެންދާ ނޭޓޯއަށް ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ނޭޓޯއަށް ފާޑުވިދާޅުވަމުން އިންތިޤާލީ މަޖިލީހުގެ ޢަސްކަރީ ކަންތައްތަކާބެހޭ އިސް ކޮމާންޑަރު ޖެނެރަލް ޢަބްދުލްފައްތާޙް ޔޫނުސް ވިދާޅުވީ ނޭޓޯއިން ލީބިޔާގެ ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުގެ އުންމީދުތައް ގެއްލުވާލައިފި ކަމަށާއި ގައްޒާފީގެ ބާރުތަކުގެ ކިބައިން ލީބިޔާގެ އާންމުން ޙިމާޔަތް ކުރުމަށް ނޭޓޯއިން ސީރިޔަސްކޮށް މަސައްކަތް ކުރާހެން ހީނުވާ ކަމުގައެވެ.

ބެންޣާޒީގައި ރޭ ބޭއްވި ނޫސްކޮންފަރެންސެއްގައި ޖެނެރަލް ޔޫނުސް ވިދާޅުވީ ގައްޒާފީގެ ބާރުތަކުން ކޮންމެ ދުވަހަކު ލީބިޔާގެ މެދުތެރޭގެ ރަށެއްކަމަށްވާ މިސްރާތާއަށް ޒަމާނީ ބަރުހަތިޔާރުން ޙަމަލާތައްދީ ޢާންމުން މަރަމުން ގެންދާއިރު އެކަން ހުއްޓުވަން ނޭޓޯ މަސައްކަތްކުރާތަން ނުފެންނަ ކަމުގައެވެ. ޖެނެރަލް ޔޫނުސަކީ ގައްޒާފީގެ ނިޒާމް ދޫކޮށްލެއްވުމަށްފަހު އިދިކޮޅު ފަރާތްތަކާ ބައިވެރިވެ ވަޑައިގެންނެވި ގައްޒާފީގެ ނިޒާމުގެ ކުރީގެ ދާޚިލީ ވަޒީރެވެ.
ގައްޒާފީގެ ބާރުތަކުން މިސްރާތާ ޙިސާރުކޮށް އެރަށުން ކަރަންޓާއި ފެނާއި ކާބޯތަކެތީގެ ސަޕްލައިތައް ކަނޑާލާފައިވާތާ މަހެއްހާ ދުވަސްވެފައިވާއިރު އެރަށުގައި ދިރިއުޅޭ ބައިމިލިޔަނެއްހާ ރައްޔިތުންގެ ޙާލަތުވަނީ ބޯނެފެންނުލިބިގެން ނަރުދަމާގެ ނަޖިސްފެން ބޯ ހިސާބަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިޙާލަތުގައި އެރަށުގެ ރައްޔިތުން އުޅެންޖެހިފައިވާއިރު ގައްޒާފީގެ ކުލީ ސިފައިންގެ ބާރުތަކުން ކޮންމެދުވަހަކު އެރަށަށް ބަރުހަތިޔާރުން ދޭ ޙަމަލާތަކުގައި މަރުވާމީހުންގެ ޢަދަދު ތިރީހުން ސާޅީހުން ގުނާލެވޭ ކަމަށާއި ޒަޚަމްވާމީހުންނަށް ފަރުވާދޭން ހުރި ހޮސްޕިޓަލްތައްވެސް މިހާރުވަނީ ހަލާކުކޮށްލާފައި ކަމަށް ވިދާޅުވިއެވެ. ޖެނެރަލް ޔޫނުސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަތްދަށުގައިވެސް ލީބިޔާ ސިފައިންގެ ޢަސްކަރީ މަތިންދާބޯޓުތައް އެބަހުރިކަމަށާއި މިސްރާތާގެ ރައްޔިތުންގެ ދިފާޢުގައި އެބޯޓުތައް ޙަރަކާތް ތެރިކުރުވުމަށްވެސް ނޭޓޯއިން ހުރަސްއަޅަމުން ގެންދާ ކަމުގައެވެ. "ލީބިޔާގެ މަތިން އުދުހުންމަނާ ސަރަޙައްދެއް ޤާއިމްކޮށްފައިވާތީ އިދކޮޅުފަރާތްތަކުގެ ބޯޓުތަކަށްވެސް ލީބިޔާގެ މަތިން ނުއުދުހެވޭނެ ކަމަށް ނޭޓޯ އަންގަމުން ގެންދަނީ" ޖެނެރަލް ޔޫނުސް ވިދާޅުވިއެވެ.

ލީބިޔާގެ އާންމުން ޙިމާޔަތްކުރުމުގެ ނަމުގައި އެމެރިކާ އިސްވެ އޮވެގެން ހިންގި ޢަސްކަރީ އޮޕަރޭޝަންގެ ކޮމާންޑުން އެމެރިކާ ވަކިވެ މިކަން މިހާރުވަނީ ނޭޓޯއާ ޙަވާލުކޮށްފައެވެ. އަދި ލީބިޔާއަށް ބޮންއެޅުމަށް ޙަރަކާތްތެރިވި އެމެރިކާގެ ޢަސްކަރީ ޖެޓްތައްވެސް މިހާރުވަނީ މިއޮޕަރޭޝަނުން ބޭރަށް ގެންގޮސްފައެވެ.

އެމެރިކާބުނަނީ ލީިބިޔާގެ މައްސަލައަކީ އެމެރިކާއަށް ގެއްލުމެއްވެސް އަދި ފައިދާއެއްވެސް ކުރާ މައްސަލައެއް ނޫންކަމުގައެވެ. ނަމަވެސް ގައްޒާފީގެ އަނިޔާވެރިކަމުން ލީބިޔާގެ ރައްޔިތުން ޙިމާޔަތްކުރުމުގެ ނަމުގައި ކުރިން އެމެރިކާ ހަރުކަށިކޮށް އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގެ މޭރުމަކުން ވާހަކަ ދައްކަމުން ގެންގޮސްފައިވެއެވެ.

ލީބިޔާގެ ޢާންމުން ޙިމާޔަތްކުރުމުގެ ނަމުގައި ލީބިޔާގެ ދާޚިލީ މައްސަލައިގެ ތެރެއަށް ނޭޓޯ ވަނީ ޔޫރަޕްގެ މަސްލަޙަތައްޓަކައި ކަމަށް ލީބިޔާގެ އިދިކޮޅު ފަރާތްތަކަށްވެސް ޤަބޫލުކުރެވުނު ނަމަވެސް ޔޫރަޕުން ލީބިޔާގައި ޙާސިލްކުރަންބޭނުންވާ ކަންތައްތައް ލީބިޔާގެ އިދިކޮޅު ފަރާތްތަކަށް ސާފުނުވާ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ.
ނޭޓޯއިން ގައްޒާފީގެ ބާރުތަކަށް ބައެއްފަހަރު ޙަމަލާތައްދީ އެ ބާރުތަކަށް ގެއްލުންތައްވެސް ދެއެވެ. ނަމަވެސް ގައްޒާފީގެ ކޮންޓްރޯލްގެ ދަށުގައިވާ ރައްތަކަށް އިދިކޮޅު ހަނގުރާމަވެރިން ދޭ ޙަމަލާތައް ވަރުގަދަވާންފަށާއިރަށް، ގައްޒާފީގެ ބާރުތަކަށް ޙަމަލާދިނުން ނޭޓޯއިން ހުއްޓާލާ ކަމަށް އިދިކޮޅު ހަނގުރާމަވެރިން ތުހުމަތުކުރެއެވެ.

ނަތީޖާއަކީ ގައްޒާފީގެ ބާރުތަކުގެ މައްޗަށް ކުރިހޯދުމުގެ ފުރްސަތު އިދިކޮޅު ހަނގުރާމަވެރިންނަށް ގެއްލިގެން ދިޔުމެވެ. ލީބިޔާގެ އާންމުން ޙިމާޔަތްކުރުމުގެ ބަދަލުގައި އަމިއްލަ މަސްލަޙަތުގެ އެޖެންޑާއެއް ނޭޓޯއިން ގެންގުޅޭކަމަށް ފެންނާތީ މިމައްސަލަ އދ. ގެ ސަލާމަތީ މަޖީހަށް ހުށަހަޅުމާމެދު ލީބިޔާގެ އިންތިޤާލީ މަޖިލީހުން ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންތިޤާލީ މަޖިލީހުން މިކަން ސަލާމަތީ މަޖިލީހަށް ހުށަހަޅާނެ ކަމަށް ޖެނެރަލް ޔޫނުސް ރޭ ވިދާޅުވެފައިވެސްވެއެވެ.

ލީބިޔާގެ އިދިކޮޅު ބައެއް ލީޑަރުން ދެކޭގޮތުގައި ނޭޓޯގެ ވެސް އަދި އާންމުކޮށް ހުޅަނގުގެވެސް ބޭނުމަކީ ލީބިޔާގެ އަހްލީ ހަނގުރާމަ ދިގުދެންމުމާއި ގައްޒާފީގެ ބާރުތައް ބަލިކޮށްލުމުގެ ފުރްސަތު އިދިކޮޅު ފަރާތްތަކަށް ނުދީ އިދިކޮޅު ފަރާތްތަކާ ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރުމުގެ ފުރްސަތު ގައްޒާފީއަށް ތަނަވަސް ކޮށްދިނުމެވެ.

ގައްޒާފީއަކީ މަޤާމުން ދުރުވެ ވަޑައިގަންނަވަންޖެހޭ ޑިކްޓޭޓަރެއް ކަމަށް ވިދާޅުވެ އޭނާއާ ދެކޮޅަށް ހުޅަނގުގެ ލީޑަރުން ހަރުއަޑުން ވާހަކަ ދެއްކެވި ނަމަވެސް އެއާއެއްގޮތަށް ނޭޓޯގެ އަސްކަރީ ސުލޫކު ނުހުންނަކަމަށް ލީބިޔާގެ އިދިކޮޅު ބައެއް ލީޑަރުން ތުހުމަތު ކުރެއެވެ.
ލީބިޔާގެ އދިކޮޅު ހަނގުރާމަވެރިން ގައްޒާފީގެ މައްޗަށް ކާމިޔާބު ހޯދުމަށް ދިގުމުއްދަތެއް ނަގާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ނޫސްއެޖެންސީތައް)