ޖަބަލްޕޫރު (ނޮވެމްބަރ 27) :ފިރިމީހާ މަޔަންކް، އާމިރު ޚާނަށް ފާޑު ކިޔުމުން އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސޯނަމް ޕާންޑޭ އަމިއްލަ އަށް އެއްޗެއް ބޮއިގެން މަރުވެއްޖެ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

މަޔަންކްގެ ބައްޕަ، އާރްޕީ ޕާންޑޭ ބުނީ ހާދިސާ ހިނގުމުގެ ކުރިން މަޔަންކް އާއި ސޯނަމް ދިޔައީ އިންޑިއާގެ ދީނީ ތަފާތު ކުރުންތަކާ ބެހޭ ގޮތުން އާމިރު ޚާން ދެއްކި ވާހަކަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަމަށެވެ.

"އަނބިމީހާގެ އެދުމުގެ މަތިން ބޭރު ގައުމަކަށް ބަދަލުވާން ބޭނުން ވާނީ ކޮންކަހަލަ ފިރިހެނެއް؟" މިޔަންކް ބުނި ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

އަދި އެހެން ބުނުމުން ސޯނަމް ހިތްހަމަ ނުޖެހިގެން އޭނާގެ ކޮޓަރިއަށް ދިޔައީ ކަމަށާއި ފަހުން އަޑު އިވުނީ ސޯނަމް ހަޅޭއްލަވާ އަޑު ކަމަށް އާރްޕީ ޕާންޑޭ ބުންޏެވެ.

"ހަޅޭއްލަވާ އަޑު އިވުމުން މަޔަންކް ދިޔައީ ސޯނަމް އަށް އެހީވާން. އޭރު ސޯނަމް ދިޔައީ ހޮޑު ލަމުން، ދެން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ،" ޕާންޑޭ ބުންޏެވެ.

ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރެއް ނުވެ ސޯނަމް ވަނީ މަރުވެފަ އެވެ. ސޯނަމް މަރުވީ ގޮތުން ލަފާ ކުރެވެނީ އޭނާ މަރުވީ ވިހަ އެއްޗެއް ބޭނުން ކުރުމުން ކަމަށް ބެލެވޭ ކަމަށް ޕާންޑޭ ބުންޏެވެ.

ފުލުހުން ދަނީ ހާދިސާ ތަހުގީގު ކުރަމުންނެވެ.

އިންޑިއާގެ ދީނީ ތަފާތު ކުރުންތަކުގެ ސަބަބުން އެގައުމުގައި ދިރިއުޅެން ދަތިވެފައިވާ ކަމަށް އާމިރު ޙާން މިދިޔަ އަންގާރަ ދުވަހު ބުނުމުން އިންޑިއާގެ ގިނަ ބަޔަކު ދަނީ އޭނާ އަށް ފާޑު ކިޔައި، އޭނާއާ ދެކޮޅަށް އަޑު އުފުލަމުންނެވެ.