މިސަރުކާރަށާއު ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ނުކުރާ އެތައް ބައިވަރު މީހުންނެއް ރާއްޖޭގައި ތިބިކަން ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅު ކުރައްވަން ޖެހޭ ކަމަށާއި 50 ޕަސެންޓަށް ވުރެ ގިނަ މީހުން ރައީސް ޔާމީންގެ ވެރިކަމަށް ތާއީދު ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރި އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

"މިންޖުވާން" ނަމުގައި އެމްޑީޕީން މިއަދު ފެށި މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ވެރިކަން ކުރަން ރައީސް ޔާމީން ބޭނުންވާނަމަ ރައްޔިތުންގެ އަޑުއަހަން ޖެހޭ ކަމަށެވެ.

"ރައީސް ޔާމީން ގަބޫލުފުޅު ކުރައްވަންވީ ކަމަކީ މި ސަރުކާރުގެ ސިޔާސަތުތަކަށާއި އެމަނިކުފާނަށް ތާއީދު ނުކުރާ އެތައް ބައިވަރު މީހުނެއް މި ރާއްޖޭގައި ތިބިކަން. 50 ޕަސެންޓަށްވުރެ ގިނަ މީހުން ރައީސް ޔާމީންގެ ވެރިކަމަކަށް ތާއީދެއް ނުކުރޭ. ރައްޔިތުންގެ ވެރިކަމެއް ކުރަން ރައީސް ޔާމީން ބޭނުންފުޅުވާނަމަ ރައްޔިތުންގެ އަޑު އަހަންޖެހޭ. އެހެން ނޫންނަމަ އަޅުގަނޑު އަނެއްކާ ވެސް މި ދަންނަވަނީ ރައީސް ޔާމީން އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންވަނާށޭ،" އިބޫ ވިދާޅުވި އެވެ.

ރާއްޖޭގައި ގާނޫނުއަސާސީ ނުހިނގާ ކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ގައުމުގައި މިއަދު ކޮރަޕްޝަނާއި ފަސާދަ ވަނީ އިންތިހާއަށް ފެތުރިފައި ކަމަށެވެ.

ނޮވެމްބަރު 27، 2015: "މިންޖުވާން" މުޒާހަރާ ފެށިގެން ކުރިއަށް ދަނީ -- ސަންފޮޓޯ/ އަލީ ނަސީރު

"ސިޔާސީ ނުފޫޒު ވަނީ ސަލާމަތީ ހިދުމަތްތަކުގެ ތެރެއަށް ފެތުރިފައި، ރައީސް މައުމޫނު ވިދާޅުވަނީ ސަރުކާރުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން ޖެހޭ ކަމަށް،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ހައްގަކާނުލައި ޖަލަށްލާފައިވާ ސިޔާސީ ހައްޔަރީންނަށް އިންސާފު ލިބެންޖެހޭ ކަމަށެވެ. އަދި އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އިބޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަދީބަށް ގާނޫނުއަސާސީގެ ހިމާޔަތް ލިބިދޭން ޖެހޭކަމަށާއި "އިންސާފު ލިބެންޖެހޭ" ކަމަށެވެ.

ހިނގަމުން މިދާ ރިޔާސީ ދައުރު ނިމެންދެން ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުރެއްޖެ ނަމަ 46 މިލިއަން ރުފިޔާއިން ގައުމު ދަރަނިވެރިވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިދައުރު ނިމޭއިރު ރައީސް ޔާމީން ވެރިކަމުގައި ހުރެއްޖެ ނަމަ ކޮންމެ ރައްޔިތެއްގެ ބޮޮލަށް 120،000 ރުފިޔާގެ ދަރަނި ޖެހޭނެ ކަމަށެވެ.

"ރައީސް ޔާމީންގެ ވެރިކަން 2018 ވަނަ އަހަރާ ހަމައަށް އޮވެއްޖެ ނަމަ މިގައުމު 46 ބިލިއަން ރުފިއާއަށް ދަރާނެ. މީގެ މާނައަކީ ކޮންމެ ރައްޔިތެއްގެ ބޮލަށް 120،000 ރުިޔާގެ ދަރަނި އެޅިގެންދާކަން. ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތުގައި އޮތީ ހަމައެކަނި ގައުމު ދެރުވުން. ދަރަނި ދައްކާނެ ގޮތެއް ނެތް،" އިބޫ ވިދާޅުވި އެވެ.

ކުރެވޭ ހަރަދާ ލިބޭ އާމްދަނީއެއް ރައީސް ޔާމީނަށް އެނގިނުލައްވާ ކަމަށް އިބޫ ވިދާޅުވި އެވެ.