27 Nov 2015, 18:59
ފިލްމެއްގެ ޝޫޓިންގް އަކަށް ތައްޔާރުވަމުން ދަނިކޮށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ، ބިޕާޝާ ބާސޫގެ މޫނާއި އަތް ފިހިއްޖެ އެވެ.
އެ ހާދިސާ ހިނގަން ދިމާވި ސަބަބު ބިޕާޝާ ވަނީ އޭނާގެ ޓުވިޓާ އެކައުންޓު މެދުވެރިކޮށް ފޭނުންނާ ހިއްސާ ކޮށްފަ އެވެ.
އެގޮތުން ބިޕާޝާ މިދިޔަ ބުދަ ދުވަހު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، އޭނާ އެ ދުވަހު ޝޫޓުކުރަން ޖެހުނީ ފިހިފައިވާ މޫނަކާއި އަތަކާ އެކު ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވީ ފަރުވާކުޑަ ހެއާ ސުޓައިލިސްޓެއްގެ ސަބަބުން ކަމަށް ވެސް ބިޕާޝާ ވަނީ ޓުވީޓުކޮށްފަ އެވެ.
"އޭނާ [އިސްތަށިގަނޑު ސުޓައިލް ކުރުމަށް ކަރަންޓުން ހޫނުކޮށްގެން ބޭނުން ކުރާ] ޓޮންގު، އަހަރެންގެ މޫނުމައްޗަށް ވައްޓާލާފައި އަޅާވެސް ނުލާ،" ބިޕާޝާ ޓުވީޓުކޮށްފައިވެ އެވެ.
ބިޕާޝާގެ އިސްތަށިގަނޑު ސުޓައިލް ކުރުމުގެ މަސައްކަތް މިހާރު އާ ހެއާ ސުޓައިލިސްޓަކާ ހަވާލުކޮށްފައިވާ އިރު، ބިޕާޝާ ވަނީ އޭނާ އާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓާގްރާމްގައި ޝެއާކޮށްފަ އެވެ.
އަދި އެ ފޮޓޯގައި މޫނު ބަލާ ލޯގަނޑަކުން ބިޕާޝާ އޭނާގެ މޫނު ނިވާކޮށްގެން ހުންނަ އިރު، އެއީ މިހާރު ޓޮންގްގެ ކިބައިން މޫނު ރައްކާތެރި ކުރާ ގޮތް ކަމަށް ވެސް ބިޕާޝާވަނީ ބުނެފަ އެވެ.