ޅ. ނައިފަރު ގެއަކުން ވަގަށް ނަގާފައިވާ ރަން ގަހަނާތަކެއް ހޯދައި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ އަންހެނެއް ކަމަށެވެ.

ފުލުހުން ބުނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ނައިފަރު ގެއަކުން ގަހަނާތަކެއް ވަގަށް ނަގާފައިވާކަމަށް ބުނެ ނައިފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެދުވަހުގެ 15:30 ހާއިރު ކަމަށެވެ.

ވަގަށް ނަގާފައިވާ ރަން ގަހަނާތައް ހޯދާފައި ވަނީ އެ އަންހެން މީހާ އެތަކެތި އެކި ފަރާތްތަކަށް ވިއްކާލާފައިވަނިކޮށް ކަމަށާއި ފުލުހުން ހޯދި ތަކެތީގެ ތެރޭގައި ދެ ރަންފަށާއި ފަށުފުލަކާއި އަނގޮޓިއެއްގެ އިތުރުން ކެވެލި ކޮޅެއް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެ މައްސަލަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.