27 Nov 2015, 16:36
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު (ޑީއީޑީ) ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާ އެކު 4 މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ އަންހެނަކާއި 22 އަހަރުގެ ފިރިހެނަކާއި އަދި 21 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލެއައިސް ކަޅުތުއްކަލާ ކޮށްޓާދިމާއަށް ކައިރިކުރި ލޯންޗެއް ބަލައިފާސްކޮށް މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެރޭ 22:24 ހާއިރު ކަމަށެވެ.
ބަނގުރާ ފުޅިތައް ފެނިފައި ވަނީ އެ ލޯންޗު ބަލައިފާސްކުރި އިރު އެ ލޯންޗުގައި ހުރި ފޮށިގަނޑުތަކެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 7ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެ މައްސަލަ ޑީއީޑީ އިން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.