ތަސްތީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާލެއްވި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލުން އުނިކުރަން ޖެހޭ ބައެއް ކަންތައްތަކާ މެދު ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ނިންމައިފި އެވެ.

އިމްތިޔާޒުގެ ބިލް ދިރާސާ ކުރައްވާ ކޮމެޓީގެ މުގައްރިރު ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު މިއަދު ވިދާޅުވީ އިމްތިޔާޒުގެ ބިލުން އުނިކުރަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި ނުކުރާތަކާ މެދު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކާ އެކު މަޝަވަރާކޮށް އެ މާއްދާތައް އުވާލުމާ މެދު މިރޭ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ޕާޓީތަކުން އެއްބަސްވާ ގޮތަކަށް ބިލުން ބައެއް މާއްދާތައް އުނިކުރާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އިމްތިޔާޒުގެ ބިލް ދިރާސާ ކުރައްވާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ ބިލް ތަސްތީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވި އިރު، އެ ބިލުގައި ގާނޫނު އަސާސީއާ ތައާރަޒުވާ އެއްވެސް މާއްދާއެއް ނުހުންނާނެ ކަމަށެވެ.

ނަމަވެސް ރައީސް ނަޝީދު އެ ބިލް ތަސްތީގު ނުކުރައްވައި މަޖިލީހަށް ފޮނުއްވާލެއްވީ 14 ނުކުތާއެއް އުނިކުރުމަށް އެދިވަޑައިގެން ނެވެ. އެ ގޮތުން އެ ބިލް ތަސްތީގުކޮށްފި ނަމަ ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރަސްއެޅި ސިޔާސީ އެތަން ކަންތަތައްކަކަށް ބުރޫއަރައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެސް ހުރަސްއެޅޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ ކޮމެޓީ މަރުހަލާ ނިމި އަލުން އެ ބިލް މަޖިލީހުގެ ތަޅުމަށް ދާއިރު، ބައިނަލްއަގުވާމީ ޑިމޮކްރެޓިކް ގައުމުތަކުގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ އިމްތިޔާޒުތަކަށް ބަލައި އެ ބިލް ފަރުމާ ކުރާނެ ކަމަށެވެ. އަދި ފާއިތުވެގެން ދިޔަ ދައުރަކީ އުފެއްދުންތެރި އެތައް މަސައްކަތްތަކެއް ނިންމިފައިވާ ދައުރެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އިމްތިޔާޒުގެ ބިލާ ގުޅިގެން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް މީޑިއާތަކުން މަޖިލީހުގެ އިމްތިޔާޒާ ބެހޭ ގޮތުން ދައްކަމުންދާ ވާހަތައް ދޮގުކޮށް، އެފަދަ ވާހަކަތައް ފެތުރުން ހުއްޓާލުމަށް މީޑިއާ އަށާއި ޖަމިއްޔާތަކަށް ކޮމެޓީގެ މެންބަރުން ގޮވާލި އެވެ.