މިއަދު ހެނދުނުން ފެށިގެން ބޯކޮން ވެހުނު ވާރޭގެ ސަބަބުން ނ. ހޮޅުދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ.

ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ހަމްދާން ވިދާޅުވީ، މިއަދު ހެނދުނު ގާތްގަނޑަކަށް 7:00 އިން ފެށިގެން އެރަށަށް ބޯކޮށް ވާރޭވެހެމުން އަންނަ ކަމަށާއި މުޅި ރަށުގައި ފެންބޮޑުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފެންބޮޑުވެ، ގާތްގަނޑަކަށް ފަސް ވަރަކަށް ގެއަށް ފެންވަދެފައިވާ ކަމަށެވެ.

ފެން ހިއްކުމުގެ މަސައްކަތް ޕަންޕު ބޭނުންކޮށްގެން ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުފެންނަކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެމްއެންޑީއެފުން މިހާރު އެރަށަށް ދަތުރު ކުރަމުން އަންނަ ކަމަށް ހަމްދާން ވިދާޅުވި އެވެ.

ގެތަކަށް ފެން ވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖަހައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.