ސާޅިސް ދެ ވަނަ ގައުމީ ބެޑްމިންޓަން މުބާާރާތް ދިހަ ޓީމާ އެކު ރޭ ފެށި އިރު ހަ ޓީމާ އެކު އަށް ވަނަ އަތޮޅު ބެޑްމިންޓަން މުބާރާތް ވެސް ފަށައިފި އެވެ.

މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގައި ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޓީމު އިވެންޓްތަކެވެ. މި މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެން ހަމަޖެހިފައި ވަނީ މާލޭ ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގަ އެވެ.

މިފަހަރުގެ އަތޮޅު ލީގް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގްރޫޕް އުސޫލުން، ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެނެވެ.

ލީގުގެ ގްރޫޕް އެކެއްގައި ހިމެނެނީ ބ. އޭދަފުށި ބީޑީސީއާއި އައްޑޫ ސިޓީ ޓީމާއި ތ. ތިމަރަފުއްޓެވެ. އެ ގްރޫޕް ގައި އިއްޔެ އޭދަފުށީ ބީޑީސީގެ މައްޗައް 3-2 ވަނީ އައްޑޫ ސިޓީ ޓީމުން ކުރި ހޯދާފަ އެވެ.

އަދި ލީގުގެ ދެވަނަ ގްރޫޕްގައި ވަނީ ހޮޅުދޫ ބީޑީސީ އާއީ ހޮރިޒޮން އެކަޑަމީގެ އިތުރުން ފީއަލީ ޔޫތް ޑިވޮލެޕްމެންޓްޓެވެ. އެ ގްރޫޕްގައި އިއްޔެ ކުޅުނު މެޗް ފީއަލީ ޔޫތް ޑިވޮލެޕްމެންޓްގެ މައްޗަށް ސިދާ 5 ސެޓުން ހޮޅުދޫ ބީޑސީ ވަނީ މެޗް ކާމިޔާބުކޮށްފަ އެވެ.

ގައުމީ މުބާރާތުގެ ޓީމް އިވެންޓުގައި އެއްވަނަ ޑިވިޝަނުން ބައިވެރިވި ތިން ޓީމަކީ އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްރެން (އޭއާރްސީ) އާއި ކްލަބް އީގަލްސްގެ އިތުރުން ޔުނިކް ސްޕޯޓްސް ކުލަބެވެ.

ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަން ޓީމް އިވެންޓުގައި ވާދަކުރާ ތިން ޓީމަކީ މޯލްޑިވްސް މީޑިއާ ކްލަބްއާއި ކްލަބް ސްޓެޓިކްއާއި ކުލަބް އީގަލްސްއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގައި މިފަހަރު ވަނީ ޖުމްލަ ހަތަރު ޓީމް ބައިވެރިވެފަ އެވެ. އެ ހަތަރު ޓީމަކީ މޯލްޑިވްސް މީޑިއާ ކުލަބާއި އޮފް އެފްސީ އާއި ކްލަބް އީގަލްސްގެ އިތުރުން އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްރެން (އޭއާރްސީ) އެވެ.

އަންހެން ޑިވިޝަންގައި އިއްޔެ ވަނީ ދެ މެޗް ކުޅެފައި އެގޮތުން ފުރަތަމަ ކުޅުނު މެޗްގައި އާކްގެ މައްޗައް މޯލްޑިވްސް މީޑިއާ ކުލަބުން ކުރި ހޯދީ 3-2 ސެޓުންނެވެ. ދެ ވަނަ މެޗް ވެސް 3-2 ސެޓް އިން ނިމުނު އިރު އެ މެޗް ކާމިޔާބު ކުރީ ކުލަބް އީގަލްސް އިން އޮފްއެފްސީ ބަލި ކުރުމަށްފަހުގަ އެވެ.

މިއަދު ވެސް މި މުބާރާތުގެ ކުޅުން ކުރިއަށްދާ އިރު މިއަދު ވަނީ ނުވަ މެޗު ކުޅުމަށް ހަމަޖެހިފަ އެވެ. މެޗްތައް ކުރިއަށް ދާނީ ހަވީރު ތިނަކުން ރޭގަނޑު 8 ޖަހަންދެންނެވެ.