އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މާދަމާ މާލޭގައި ބާއްވާ މުޒާހަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ މައުލުމާތު ފުލުހުންނަށްދީ، ތައްޔާރީ ހާލަތަަށް އަތުވެއްޖެ އެވެ.

ފުލުހުން ބުނީ މުޒާހަރާއާ ގުޅޭ ގޮތުން އޮޕަރޭޝަނަލް ޕްރީފިން ދީފައި ވަނީ ސަލާމަތީ ކަންކަމުގައި ޙަރަކާތްތެރިވާ ފުލުހުންނަށް ކަމަށެވެ. އެ ފުލުހުންނަށް އެ މައުލޫމާތު ދީފައި ވަނީ ވަކިވަކި ސެޝަންތަކެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.

އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ފުލުހުންނަށް މާދާމާ ހިންގާ އޮޕަރޭޝަންގެ މައުލޫމާތު ދެއްވާފައި ވަނީ އޮޕަރޭޝަންގައި ޙަރަކާތްތެރިވާ ކޮމާންޑަރުންނާ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފެވެ.

މާދަމާ ބާއްވާ މުޒާހަރާއާ ގުޅޭ ގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގައި ބޭއްވި ސެޝަންތަކުގެ ތެރެއިން-- ފޮޓޯ/ ޕޮލިސް

އެ ބައްދަލުވުމުގައި ފުލުހުންނަށް ވަނީ މާދަމާގެ އެއްވުމާ ގުޅިގެން ފުލުހުން ޙަރަކާތްތެރިވާނެ ގޮތާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ރަށު ތެރޭގައި ރައްކާތެރިކަމާ އަމާންކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ މަޢުލޫމާތު ދީފަ އެވެ. ހަމައެހެންމެ އަމިއްލަ ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދީގެން ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރުމަށް ހުރިހާ ފުލުހުންނަށް ވެސް ކޮމާންޑަރުން ވަނީ ނަސޭޙަތްތެރި ވެފައެވެ.