އެމެރިކާ އަދި ޗައިނާގެ މާކެޓުގައި ހިމެނޭ ބޮޑެތި ބްރޭންޑުތަކުން އޮންލައިންކޮށް ވިޔަފާރި ކުރުމަށް މޯލްޑިވްސް ޕޯސްޓު ލިމިޓެޑް އިން "އީޓުކުރި" ނަމުގައި ޕްލެޓްފޯމެއް ތައާރަފުކޮށްފި އެވެ.

މިރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި އީޓުކުރި ސާވިސް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މިރޭ ތައާރަފު ކުރި އީޓުކުރި ހިދުމަތާ ގުޅިގެން އެ ދެގައުމުގައި ހުންނަ ބޮޑެތި ކުންފުނިތައްއ ކަމަށްވާ "ވިކްޓޯރިއާސް ސީކްރެޓް" އާއި "ބާންސް އެންޑް ނޯބަލްސް" އާއި "ވޯލްމާޓް" އަދި "އީބޭ" ފަދަ ކުންފުނިތަކުން ފަސޭހަ ކަމާއެކު ވިޔަފާރި ކުރެވޭނެއެވެ.

ޕޯސްޓް ލިމިޓެޑް އިން ބުނީ އެ ގައުމަކުން މުދަލެއް ގަތުމާއެކު އެ ދެގައުމުގައި އިންނަ ވެއާ ހައުސް އަށް އެ އައިޓަމް ދާނެ ކަމަށެވެ. އަދި އެއަށްފަހު އެ އައިޓަމް، އީޓުކުރި މެދުވެރިކޮށް ރާއްޖެ ޝިޕް ކުރެވޭނެ ކަމަށް ޕޯސްޓް އިން ވަނީ ބުނެފައެވެ.

ކަސްޓަމަރު އޯޑަރު ކުރި އައިޓަމް ރާއްޖެ އައުމުން ޕޯސްޓުގެ ސްޓާފުން މެދުވެރިކޮށް އެ އައިޓަމް ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ޕޯސްޓުން ބުނެފައެވެ.

އީޓުކުރި ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރި ކުރާނަމަ ކަސްޓަމްސްގެ ޑިއުޓީއަށާ އެއްކޮށް އައިޓަމް ޝިޕް ކުރާއިރު ފައިސާ ދެއްކޭނެ ކަމަށްވެސް ޕޯސްޓުން ބުންޏެވެ.

އީޓުކުރި ހިދުމަތަކީ އެއްވެސް މަހު ފީއެއް އަދި ސަބްސްކްރިޕްޝަން ފީއެއް ދައްކަން ޖެހޭ ހިދުމަތެއް ނޫނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 300،000 އަށްވުރެ ގިނަ ކުންފުނިތަކުން ރާއްޖެއަށް ޝިޕްމެންޓް ކޮށެއް ނުދެއެވެ. އެހެން ކަމުން އީޓުކުރި ޕްލެޓްފޯމް އަކީ އެ ރެސްޓްރިކްޝަންތައް ކުޑަ ކުރުމަށް ތައާރަފުކުރި ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމުގެ ޒަރިއްޔާއިން ކޮލިޓީ އަދި ބްރޭންޑެޑް ތަކެތި ރާއްޖެ ގެނައުމަށް މަގުފަހި ވެގެންދާނެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެ ޕްލެޓްފޯމުގެ ސަބަބުން ދިވެހި ވިޔަފާރިވެރި ކަމަށް ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

"މިފަދަ ޕްލެޓްފޯމެއްގެ ސަބަބުން ދިވެހި އުފެއްދުންތައް ދުނިޔޭގެ މާކެޓުތަކަށް ނެރުމަށް ފަސޭހަ ވެގެންދާނެ. އަދި ދިވެހި އުފެއްދުންތަކުގެ ޒަރިއްޔާއިން ދުނިޔޭގެ މާކެޓުތަކުގެ އެ ތަކެތި މަގުބޫލު ވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ޕްލެޓްފޯމަކީ ޒުވާނުންނާއި މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް މުހިއްމު އަދި ބިނާކުރަނިވި ފައިިދާތަކެއް ލިބި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.