ކުރީގެ ސަރުކާރުގެ އިސްވެރިން ބަރުމާގެ އަސްކަރީ ސަރުކާރަށް ބޮޑު އަގުގައި ތެޔޮ ވިއްކައިގެން 800 މިލިޔަން ޑޮލަރުގެ ފައިދާ ހޯދާފައިވާ ކަމަށް ބުނާ ރިޕޯޓް އިންޑިއާގެ "ދަ ވީކް" މަޖައްލާގައި ލިޔުނު ނޫސްވެރިޔާ ސުމަން ކޭ ޗަކުރަބަތީ، 2006 ވަނަ އަހަރު އެމްޑީޕީން ބޭއްވި މުޒާހަރާއެއް ކަވަރު ކުރަން އުޅޭ މަންޒަރު ފެންނަ ފޮޓޯއެއް އާއްމުވެއްޖެ އެވެ.
ސަން އަށް އެނިގައިފާ ގޮތުގައި، އޭނާ މާލެ އައިސްފައި ވަނީ ނޫނީ ގެނެސްފައި ވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ކަމަށް ބުނެ، އެ އަހަރުގެ ނޮވެމްބަރު މަހު އަތޮޅުތަކުން މީހުން ގެނައުމަށް ބޭއްވި މުޒާހަރާގެ ދުވަސްވަރު އެވެ.
އެ ފޮޓޯގައި ޗަކުރަބަތީ ހުންނަނީ އޭރު އެމްޑީޕީގެ ޗެއާޕާސަންގެ ގޮތުގައި ހުންނެވި، ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އަރިހުގައި އެވެ.

http://www.youtube.com/watch?v=K1OMFCaAShI

އެ ދުވަސްވަރު އެ ހަރަކާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ގެނައި ގްލޯބަލް ޕްރޮޓެކްޝަން ސާވިސްގެ ބަޔަކު ވެސް މަގުތައް މަތީގައި ހަރަކާތްތެރިވި އެވެ. ނަމަވެސް ހުއްދަ ނުކުރާ "ހަތިޔާރު" ކަމަށް ބެލެވޭ އެއްޗެތިތަކެއް އެ މީހުންގެ އަތުން ފެނުމުން އެ މީހުން ވަނީ އޭރުގެ ސަރުކާރުން ޑީޕޯޓްކޮށްލައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ބޮޑެތި ހިޔާނާތުގެ ތުހުމަތުކޮށްފައިވާ އެ ރިޕޯޓު ޗަކުރަބަތީ ލިޔެފައިވަނީ، އެމްޑީޕީ ސަރުކާރުގެ ބައިވެރިވުމެއް އެކަމުގެ ތެރޭ އޮވެގެން ކަމަށް ކުރިން ވެސް އައީ ތުހުމަތުކުރެވެމުންނެވެ. އަދި އެމްޑީޕީގެ މުޒާހަރާތަކުން ޗަކުރަބަތީ ފެންނަ މަންޒަރުތަކެއްގެ ވާހަކަ ވެސް މީޑިއާގައި ކުރިން ވަނީ ދެކެވިފަ އެވެ.

ދަވީކުގައި ރިޕޯޓް ޝާއިއުކުރި ދުވަސްކޮޅު ޗަކުރަބަތީގެ މައްޗަށް ކުރެވުނު އެ ތުހުމަތުތަކާ ގުޅިގެން، އޭނާއާ އާ ސަރުކާރާ އެއްވެސް ގުޅުމެއް އޮވޭތޯ ސަން އިން ސުވާލުކުރުމުން އޭނާ ބުނެފައި ވަނީ "ދިވެހި މީޑިއާއަކީ" ވަރަށް
"އަންޕްރޮފެޝަނަލް" ކޮށް މަސައްކަތްކުރާ ބަޔެއް ކަމަށާއި އޭނާއާ އެފަދަ ސުވާލެއް ނޭހޭނެ ކަމަށެވެ.

"އަހަރެން މިބުނަނީ އިތުރަށް ބޭނުމެއް ނޫނޭ އެއްވެސް ސުވާލަކަށް ޖަވާބުދޭކަށް. އެއޮތީ އެލިޔުމުގައި ތިޔަ މައްސަލައިގައި އަހަރެން ދައްކާނެ ވާހަކައެއް ވިއްޔާ ލިޔެފައި." ފެބްރުއަރީ 14، 2011 ވަނަ ދުވަހު ސަން އަށް ދިން އިންޓަވިއުއެއްގައި ޗަކްރަބަތީ ބުނެފައިވެ އެވެ. އަދި އެހެން ބުނުމަށް ފަހު ވަނީ ފޯނު ކަނޑާލައިފަ އެވެ.