26 Nov 2015, 23:30
މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ތާރީހީ ދުވަހެކެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުﷲ މަސީހު މުހައްމަދު ވަނީ އޭނާގެ އުފަން ރަށް. ޏ. ފުވައްމުލަކު ބަހުރުވައިން މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވާފަ އެވެ.
މިއީ ބަރުލަމާނީ ހަޔާތުގައި ދެކުނަށް ނިސްބަތްވާ ބޭފުޅަކު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެބޭފުޅެއްގެ ރަށު ބަހުރުވައިން ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.
"އިއްޒަތްތެރި މެންބަރުންގެ މަސައްކަތްޕުޅުގައި އިތުރު ކާމިޔާބީއަށް އަޅުގަނޑު އެދެން. އިއްޒަތްތެރި މެންބަރުންނަށް އަދިވެސް 'އެއްކަލް ވަރަހަ' އިޚްލާޞްތެރިކަމާ އެކީ ޝުކުރު ދަންނަވަން،" މަސީހް ވިދާޅުވި އެވެ.
މިތަނުގައި މަސީހު ބޭނުން ކުރެއްވި ފުވައްމުލަކު ބަހަކީ "އެއްކަލް ވަރަހަ" އެވެ. އޭގެ މާނަ އަކީ "އަދިވެސް އެއްފަހަރު ވަރަށް" މި އެވެ.
މަޖިލީހުގައި މީގެ ކުރިން ވެސް ފުވައްމުލަކު ބަހުރުވަ އާއި ހުވަދޫ ބަހުރުވައިގެ އިތުރުން އައްޑޫ ބަހުރުވައިން ވެސް މެމްބަރުން ވާހަކަފުޅު ދައްކަވާފައިވެ އެވެ. އެ ގޮތަށް ވާހަކަފުޅު ދެއްކެވީ ހާއްސަ މަޖިލީހުގެ މެމްބަރުންނެވެ.
މަސީހުގެ މިސާލު: މަޖިލިސް އަކީ ފިހާރައެއް، ވިކުރާ ރަނގަޅު!؟
މަޖިލީހުގެ ކޮންމެ ދައުރެއް ނިންމާލާ ޖަލްސާގެ ފަހު ބަހުން ސުރުހީ އަޅާނީ މަޖިލީހުގެ ރައީސެވެ. އެއީ މަޖިލީހުގެ ރައީސަށް ހާއްސަ ވަގުތުކޮޅެކެވެ. މަޖިލީހުގެ އެހެން މެމްބަރުންނަށް ދައުރުގެ ތެރޭގައި ހިތަކަށް ވާހަކަފުޅު ދެއްކެވުނަސް، ރައީސަށް އެ އިހްތިޔާރެއް ނޯވެ އެވެ. ބަހުސްގައި ބައިވެރިވުމަކީ މަޖިލީހުގެ ރައީސަށް ގަވާއިދު ހުއްދަ ކުރާ ކަމަކަށް ނުވާތީ އެވެ.
އެހެންކަމުން އަބަދުވެސް ދައުރު ނިންމާލާ ޖަލްސާގެ ފަހު ވަގުތުކޮޅުގައި މަޖިލީހުގެ ރައީސް މޮޅު ވާހަކަކޮޅެއް ދައްކަވަ އެވެ. އަބްދުﷲ ޝާހިދު މަޖިލީހުގެ ރައީސްކަން ކުރެއްވިއިރު ވެސް އަމަލު ކުރެއްވީ އެގޮތަށެވެ.
ނަމަވެސް މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ޖެއްސެވި މިސާލު ވަރަށް ތަފާތެވެ.
މަޖިލިސް ސިފަ ކުރެއްވީ ފިހާރައެއްގެ ގޮތުގަ އެވެ. މަޖިލީހުގެ އުފެއްދުންތެރިކަމަކީ ފިހާރައިގެ ވިކުރާގެ ގޮތުގައި ސިފަ ކުރެއްވި އެވެ.
"ނުނިމި މިއޮތީ ޖުމުލަ އަށް މަސައްކަތެއް. އެއީ ހަތް ބިލު. އެއީ މިއަދު އަނބުރާ ކޮމެޓީއަށް ފޮނުވާލި ބިލުވެސް ލައިގެން. ދެން ސަރުކާރުން ހުށަހެޅި މައްސަލައެއް. ކޮބައިތޯ ޕަސެންޓޭޖަކީ. އިންސައްތަ އަކީ. އާދެ 2015 ވަނަ އަހަރު އަޅުގަނޑުމެން ފިހާރަ ލައްޕާއިރު [މަޖިލިސް ޗުއްޓީއަށް ދާއިރު] 95 ޕަސެންޓަކީ އަޅުގަނޑުމެންގެ ޕްރޮޑަކްޓިވިޓީ އަކީ،" ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ރައީސް މަސީހް ވިދާޅުވި އެވެ.
މަސީހް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލިސް ހޮވުނު ފަހުން ދެ އަހަރު ފުރިފައިވާއިރު ދެ އަހަރު އެއްކޮށްލައިގެން 259 މައްސަލައެއް މަޖިލީހަށް އައިސްފައިވާ ކަމަށެވެ. އޭގެތެރެއިން 251 މައްސަލަ މަޖިލީހުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މަސީހް ވިދާޅުވީ ދެ އަހަރު އެއްކޮށްލައިގެން މަޖިލީހުގެ އުފެއްދުންތެރިކަން އުޅެނީ 97 ޕަސެންޓުގައި ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
މިއަދަކީ ދެކުނުގެ މީހުންނަށް ތާރީހީ ދުވަހަކަށްވާނެ އެވެ. އެއީ ފުވައްމުލަކު ބަހުރުވަ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ރިޔާސަތުގައި އިންނެވި ބޭފުޅަކު ބޭނުން ކުރެއްވުމުންނެވެ. މަސީހުގެ ދާއިރާ އާއި ފުވައްމުލަކު ރައްޔިތުންނަށް ވެސް މި ދުވަސް ހާއްސަ ވާނެ އެވެ.
ނަމަވެސް މަޖިލީހުގެ ރައީސް މަސީހު މިއަދު އެ ނެންގެވި މިސާލުން އެކި މީހުން އެކި މާނަ ނަގާނަ އެވެ. މަޖިލިސް މެމްބަރުންނާ މެދު ކޮރަޕްޝަނުގެ އިނގިލި ދިއްކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި މަޖިލިސް "ފިހާރައަކަށް" ހެއްދެވުން ރަނގަޅުތޯ އެވެ. އެއްބަޔަކަށް އެ ގޮތް ވެސް ރަނގަޅުވެދާނެ އެވެ.