26 Nov 2015, 18:41
ގައުމީ މަސްލަހަތަށް ވިސްނައިގެން ރާއްޖޭގެ މިހާރުގެ މައްސަލަތައް ހައްލެއް ހޯދުމަށް ސިޔާސީ ޕާޓީތަކަށް ސަރުކާރުން މިއަދު ގޮވާލައިފި އެވެ.
މާދަމާ އެމްޑީޕީ އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "މިންޖުވާން" މުޒާހަރާއާ ގުޅިގެން ހޯމް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާއާ "ނުގުޅޭ" ބަޔަކު މުޒާހަރާއަށް ވަދެ ހަމަނުޖެހުން ހިންގައިގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ހަމަނުޖެހުން ހިންގައިގެން "ފައިދާ ނުނެގުމަށް" މިނިސްޓްރީގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
ހޯމް މިނިސްޓްރީ އިން ބުނީ ސަލާމަތީ ގޮތުން ރާއްޖެއަށް މިހާރު ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައި ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުންނަށް ގާނޫނީ ގޮތުން ލިބެން ޖެހޭ ހައްގުތައް ކަށަވަރުކޮށް ދީ ކުރަން ޖެހޭ ހުރިހާ ކަމެއްގައި ސަރުކާރުން ސާބިތުވެ އޮންނާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މާދަމާގެ މުޒާހަރާ ކުރިއަށް ގެންދަން ޖެހޭނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށާއި ހަމަނުޖެހުމާއި ޖިނާއީ އަމަލުތަކަށް މަގުފަހިވާ ގޮތަށް އަމަލުތައް ކުރިއަށްދާނަމަ އާންމު ރައްޔިތުންނާއި ފަރުދުންގެ މުދަލުގެ ރައްކަލަަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދާހިލީ ވުޒާރާގެ އެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ދިވެހި ފުލުހުންނާއި މުއައްސަސާތަކުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.
"ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވެސް އަޅާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. މި ގޮތުން މުޒާހަރާ ހިނގަމުންދާ ގަޑީގައި މާލެ އާއި ރިސޯޓުތަކާއި އެހެން ރަށްރަށުން ފަތުރުވެރިންނަށް ދެމުންގެންދާ ހިދުމަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމުގެ ޔަގީންކަން ވެސް އަރުވަމެވެ،" ހޯމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މުޒާހަރާ ހިނގަމުންދާ ވަގުތު ރައްޔިތުންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިނިވަން މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ. އެކަންތައްތައް ކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
މާދަމާ ހަވީރު އިދިކޮޅު ފަރާތްތަކުން ފަށާ މުޒާހަރާ 73 ގަޑިއިރާއި 13 މިނެޓަށް ދިގު ދެމިގެން ދާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
ފުލުހުންނަށް އެމްޑީޕީއިން ފޮނުވި މުޒާހަރާގެ ނޯޓިސްގައި ބުނެފައި ވަނީ 73 ގަޑިއިރާ 13 މިނެޓް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށާއި މަގުތަކުގައި ހިނގާލަން ވެސް ނުކުންނާނެ ކަމަށެވެ. އަދި އަޑުގަދަކުރާ ބޭނުން ކުރާނެ ކަމަށް ވެސް އެމްޑީޕީގެ ނޯޓިހުގައި ވަނީ ބުނެފަ އެވެ. އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކޮށް ފުލުހުން އިއްޔެ ބުނެފައި ވަނީ އެމްޑީޕީން ފޮނުވި ނޯޓިހާ އެއްގޮތަށް މުޒާހަރާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
ނަމަވެސް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ މާދަމާ ރޭ 12:00 ޖަހަން ދެން ކުރިއަށް ގެންދެވޭނެ ކަމަށް އެންގީ ލިބުނު މައުލޫމާތާއި ހާލަތު ބަދަލުވުމުން ކަމަށެވެ. ނަމަވެސް އެއީ ކޮން މައުލޫމާތެއް ކަމެއް ހަމްދޫން ވިދާޅެއް ނުވެ އެވެ.