06 Apr 2011, 16:25
ދިހަ ހާސް މީހުންނަށް ވުރެ މަދު ނޫން ކޮންމެ އާބާދީއަކަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހަށް ވޯޓަށް އެއްސެވުމުން އެ އިސްލާހު ބަލައިގަތުމަށް ފާސްކޮށްފައި ވަނީ އެ ވަގުތު ޖަލްސާގައި ތިއްބެވި 71 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެން 69 މެންބަރުންގެ އިއްތިފާގުންނެވެ.
އެ އިސްލާހު ހުށަހެޅުއްވި ފުވައްމުލަކު މެދު ދާއިރާގެ ޝިފާގު މުފީދު ވިދާޅުވީ އޭނާ އެ އިސްލާހު ހުށަހެޅުއްވެވީ މާލެ އާއި އައްޑު އަތޮޅު ފިޔަވައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިޓީތަކެއް އުފެއްދުމަކީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ. ގާނޫނުގައި މިހާރު އޮތްގޮތުން ކައިރި ކުރިމަގެއްގައި އެފަދަ އާބާދީތަކަށް ސިޓީއެއްގެ ދަރަޖަ ލިބުމަކީ މުސްތަހީލުކަމެއް ކަމެއް ކަމަށް ދެކެވަޑައިގެން އެ އިސްލާހު ހުށަހެޅުއްވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލާމަރު ކަޒީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ 25،000އަށް ވުރެ މަތީގެ އާބާދީތަކަށެވެ.
އެ ގާނޫނަށް ޝިފާގު އިސްލާހް ހުށަހަޅުއްވާފައި ވަނީ، 8،000 އަށް ވުރެ މަތީ އާބާދީތަކަށް ސިޓީގެ ދަރަޖަ ދޭގޮތަށް އިސްލާހު ގެންނަން މަޖިލީހުގައި ބައެއް މެންބަރުން ވަކާލާތު ކުރައްވަމުން ގެންދަވަނިކޮށެވެ.
ޝިފާގު މުފީދުގެ އެ އިސްލާހަށް ތާއީދު ކުރައްވައި ގިނަ މެންބަރުންތަކެއް މަޖިލީހުގައި ވަނީ ވާހަކަ ދައްކައިފަ އެވެ.