ދެމަފިރިން ވަކިވުމުން އަދުލުވެރި ގޮތެއްގައި މުދާ ބަހަންޖެހޭ ގޮތަށް އާއިލާއާ ބެހޭ ގާނޫނށް ހުށަހަޅާފައިވާ އިސްލާހު ފާސްނުވުމުން އަނބުރާ ކޮމެޓީއަށް ފޮނުވާލައިފި އެވެ.

އާއިލާއާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފު މުހައްމަދު އެވެ. އެ އިސްލާހު އަނބުރާ ކޮމެޓީއަށް ފޮނުވާލަން ފާސްވީ 42 މެމްބަރުންގެ ވޯޓުން ނެވެ. އަނބުރާ ކޮމެޓީއަށް ފޮނުވުމާ ދެކޮޅަށް 4 މެމްބަރަކު ވޮޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ އަށް މެމްބަރަކު ތިއްބެވި އެވެ.

ބިލުގައި ބުނެފައި ވަނީ ދެމަފިރިން އިނދެގެން އުޅޭއިރު ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއް އެ ދެމަފިރިން ވަކިވުމަށްފަހު އަދުލުވެރިކަމާއެކު ބަހަން ޖެހޭނެ ކަމަށެވެ. އަދި ދެމަފިރިންގެ މެދުގައި ބަހަންޖެހޭ އެއްޗެއް ކަނޑައަޅާނީ ކޯޓުން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ބިލު ހުށަހެޅިއްވި ސަބަބުގެ ތެރޭގައި ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ކައިވެނި ރޫޅުމުން އާއިލާ ނިކަމެތި ވެދިޔުމުގެ ފުރުސަތު ކުޑަކުރުން" ވައުދުގެ ދަށުން ކައިވެނި ރޫޅުމަށްފަހު އަންހެނުންނަށް ލިބޭ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އެޅުން ހިމެނެ އެވެ.

ސަރުކާރު މެނިފެސްޓޯގެ "ކައިވެނި ރޫޅިއްޖެ ނަމަ އެކުގައި ހޯދާފައިވާ މުދަލުން ހައްގު ހިއްސާ ހޯދައިދޭނަން" ވައުދުގެ ދަށުން ދެމަފިރީން އެކުގައި މުދާ ހޯދާފައި ވަނިކޮށް ކައިވެނި ރޫޅިއްޖެނަމަ އެ މުދަލުގައި ދެފަރާތުން ބައިވެރިވި މިންވަރުގެ މައްޗަށް ބިނާކޮށް ދެމީހުން ހިއްސާވާ ވަރު ކަނޑައެޅުމުގެ ބާރާ އުސޫލުތައް ވެސް މި ބިލުގެ ދަށުން ގާއިމް ކުރެވޭނެ އެވެ.