26 Nov 2015, 19:37
ސަރުކާރުން ހިންގާ އެކި އެކި މަޝްރޫއުތަކަށް ބޭރު ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ދޭ އެހީތައް ނުވަތަ ލޯނު އެހީތައް ވަކި އެކައުންޓުތަކެއްގައި ބަހައްޓާ ގޮތަށް މާލިއްޔަތު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.
ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްވީ 41 މެމްބަރުންގެ ވޯޓުންނެވެ. އިސްލާހާ ދެކޮޅަށް 14 މެމްބަރުން ވޯޓުދެއްވި އެވެ.
އިސްލާހުގައި ބުނެފައި ވަނީ މާލިއްޔަތު ގާނޫނުގެ 11 ވަނަ މާއްދާގައި ދައުލަތުގެ އެންމެހާ ފައިސާ ބަހައްޓަން ވާނީ ޕަބްލިކް ބޭންކް އެކައުންޓެއްގައި ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ އެ މާއްދާގައި އެހެން ބަޔާންކޮށްފައި ވީ ނަމަވެސް ބައެއް ހާލަތްތަކުގައި ޕަބްލިކް ބޭންކް އެކައުންޓުގެ އިތުރުން އިތުރު އެކައުންޓެއް ނުވަތަ އެކައުންޓުތަކެއް ހުޅުވައި ދައުލަތުގެ ފައިސާ ބެހެއްޓުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް އޮތް ބޭންކެއް ވެސް ނެތް ރަށެއްގައި ހިނގާ ދައުލަތުގެ އޮފީހަކުން ދައުލަތުގެ ފައިސާ ބެހެއްޓުމަށް އެކައުންޓެއް ހުޅުވަންޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ ފައިސާގެ ތެރެއިން ވަކި މަޝްރޫއަކާ ގުޅޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހޭނެ ކަމަށެވެ.
ޖަމީލު އުސްމާނު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ދައުލަތުގެ ފައިސާގެ ތެރެއިން ހިލޭ ނުވަތަ ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާ ވަކި އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކުން އެ ފައިސާ ދޭ ފަރާތެއް އެދެން ޖެހޭނެ ކަމަށެވެ.
ބިލު ހުށަހަޅުއްވަމުން ޖަމީލު އުސްމާނު ވިދާޅުވީ ބޭރުގެ އެކި ފަރާތްތަކުން ދޭ އެހީތަކާއި ލޯނު އެހީތައް ޕަބްލިކު އެކައުންޓެއްގައި ހުރުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ސަރުކާރަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.