އާބާދީގައި 3،000 މީހުން ހަމަނުވާ ރަށްރަށަށް ތިން ކައުސިލަރުން އަދި އެއަށް ވުރެ ބޮޑު އާބާދީގެ ރަށްރަށަށް ފަސް ކައުންސިލަރުން އިންތިޚާބުކުރާ ގޮތަށް، ރާއްޖޭގެ އިދާރީ ދާއުރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެގޮތަށް އެ އިސްލާހު ފާސްވީ 38 މެމްބަރުންގެ ވޯޓުން ނެވެ. އިސްލާހާ ދެކޮޅަށް 12 މެމްބަރުން ވޯޓު ދެއްވި އެވެ.

ބިލު ދިރާސާ ކުރެއްވި ގައުމީ ސަލާމަތު ކޮމެޓީން ވެސް ވަނީ ބައެއް އިސްލާހުތައް ގެނެސްފަ އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު ހުށަހެޅުއްވި އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިނަމަ ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި މިހާރު ފަސް ކައުންސިލަރުން ތިބުމުގެ ބަދަލުގައި ކޮންމެ އަވަށެއްގައި ތިބޭނީ ތިން ކައުންސިލަރުންނެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަން ފާސްކުރި އިސްލާހުގައި ވަނީ ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ 30 ދުވަސްކުރިން އާ ދައުރަކަށް ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭނެ ކަމަށެވެ.

އާ ދައުރުގެ ކައުންސިލަރުން އިންތިޚާބު ކުރިޔަސް އެ ކައުންސިލަރުންގެ ދައުރު ފާށާނީ ހިގަމުންދާ ކައުންސިލްގެ ދައުރު ހަމަވުމުން ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

ސަރުކާރުގެ ފަރާތުން މީގެ ކުރިން ވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ.