ސްޕެއިންގެ ފުޓްބޯޅައިގެ މައި އިދާރާ އިން ރެއާލް މެޑްރިޑްގެ މިޑްފިލްޑަރު، އިސްކޯ ދެ މެޗަށް ސަސްޕެންޑްކޮށްފި އެވެ.

އިސްކޯ ދެ މެޗަށް ސަސްޕެންޑްކުރީ، ބާސެލޯނާ އަތުން 0-4 ގެ ނަތީޖާއިން ރެއާލް ބަލިވި މެޗުގައި، ބާސާގެ ފޯވާޑް ނޭމާއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.


ރެއާލްގެ މިޑްފީލްޑާ އިސްކޯ: ސަސްޕެންޝަންގެ ސަބަބަުން އިސްކޯ އަށް އެއިބާ އާއި ގެތާފޭއާ ދެކޮޅަށް ނުކުޅެވޭނެ --- ފޮޓޯ: ޑެއިލީ މެއިލް

އެ މެޗްގެ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިސްކޯ އަށް އަންނަ އާދިއްތަ ދުވަހު ރަށުން ބޭރުގައި އެއިބާއާ ދެކޮޅަށް ކުޅޭ މެޗާއި ޑިސެމްބަރ ފަސް ވަނަ ދުވަހު އަމިއްލަ ދަނޑުގައި ގެތާފޭއާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅެވޭނެއެވެ.

ނަމަވެސް ޑިސެމްބަރު ތިން ވަނަ ދުވަހު ކޮޕަޑެލެރޭ ގައި ކާޑިޒްއާ ދެކޮޅަށް ކުޅޭ މެޗްގައި އިސްކޯ އަށް ކުޅެވޭނެ އެވެ. އަދި ރޭ ޗެމްޕިއަންސް ލީގްގައި ޝަހްތަރ ޑޮނެސްކާއި ދެ ކޮޅަށް ކުޅުނު މެޗުގައި ވެސް އިސްކޯ ވަނީ ކުޅެފައެވެ.

ސްޕެނިޝް ލީގުގައި ރެއާލް މި ވަގުތު އޮތީ 24 ޕޮއިންޓާއެކު ތިން ވަނާގަ އެވެ. އެއް ވަނާގައި 30 ޕޮއިންޓާއެކު ބާސެލޯނާ އޮތް އިރު ދެ ވަނާގައި 26 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

ރެއާލްގެ މެދުތެރޭ މުހިއްމު ދައުރެއް އިސްކޯ އަދާކުރަމުން އަންނައިރު، އޭނާ ވަނީ މި ސީޒަނުގައި ރެއާލްއަށް 16 މެޗު ކުޅެދީފަ އެވެ.