06 Apr 2011, 16:04
ދިރާގުގެ "ނައިސް ނަމްބަރު" ނުވަތަ ރީތި ނަމްބަރުގެ އަގު ބާޒާރުގައި އަތް ނުފޯރާ ފަށަށް މައްޗަށް ހިނގައްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އޮންލައިން ބާޒާރު އައިބޭގައި މިވަގުތު ދިރާގު ޕޯސްޕެއިޑް ނައިސް ނަންބަރެއްގެ އަގު އުޅެނީ 15000ރ. އާއި އެއްލައްކަ ރުފިޔާ އާއި ދެމެދުގަ އެވެ. އަދި ޕްރީޕެއިޑް ނައިސް ނަންބަރެއްގެ އުޅެނީ 100ރ. އާއި 500ރ. އާ ދެމެދުގެ އަގުތަކުގަ އެވެ. އެންމެ މަތީ އަގުތަކެއްގައި ވިއްކަން ހުށަހަޅައި، އަދި ވިކިފައި ވަނީ ދިރާގުގެ ނަންބަރުތަކުގެ ތެރެއިން "ޓްރިޕުލް ސެވެން" ނުވަތަ ކުރިއަށް ތިން ހަތެއް އަންނަ ނަންބަރުތަކެވެ.
ނައިސް ނަންބަރުތަކުގެ ވިޔަފާރި ބޮޑުއަގުގައި ކުރަމުންދާ އިރު، ދިރާގުން އެ ނަންބަރުތައް ވިއްކަނީ 1500ރ. އާއި 5000ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެގޮތުން ޓްރިޕަލް ސެވަންގެ ނަމްބަރެއް ދިރާގުން ވިއްކަނީ 5000ރ އަށެވެ. އަދި އޭ ކެޓަގަރީގެ ނައިސް ނަމްބަރު ވިއްކަނީ 2000ރ. އަށެވެ. އަދި ބީ ކެޓަގަރީގެ ނަމްބަރެއް ވިއްކަނީ 1500ރ. އަށެވެ.
ދިރާގުގެ ރީތި ނަމްބަރުތައް އަމިއްލަ ފަރާތްތަކުން ބޮޑު އަގުގައި ވިއްކަމުން ގެންދާ މައްސަލައާ ގުޅޭ ގޮތުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ ދިރާގުން އެއްވެސް ނަމްބަރެއް ކަނޑައަޅާފައި އޮންނަ އަގަށްވުރެ ބޮޑުކޮށް ނުވިއްކާނެ ކަމަށާއި މީހަކު ގަނެފައި އޮންނަ ނަމްބަރެއް ބޮޑު އަގުގައި ވިއްކާ ނަމަ އެކަމުގައި ދިރާގަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.