އައްޑޫ ސިޓީއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ލިބެމުންގެންދާ ގެއްލުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިއަދު މެންދުރު ފެށި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

ޖަލްސާއަށް ހާޒިރުވި 48 މެމްބަރުންގެ އިއްތިފާގުން މިއަދު ވަނީ އެ މައްސަލަ މަޖިލީހަށް ބަލައިގަންފައެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ރޮޒއިނާ ވިދާޅުވީ ފޭދޫ އާއި މަރަދޫފޭދޫގައި ފެން ނުހިނދޭ ގިނަ ގެތައް އަދިވެސް އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ ކައްކައި ކެވޭ ގޮތް ނެތުމާއި ނިދޭނެ ގޮތް ނެތް އާއިލާތައް ވެސް އެ ދެ ރަށުގައި އެބަތިބި ކަމަށެވެ.

ހަމައެހެންމެ ބައެއް ގޭގޭގެ ފާޚާނާތައް ވެސް މިހާރު ބޭނުން ނުކުރެވޭ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.


އެ ގަރާރަށް ބަހުސްކުރައްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ޕީޕީއެމްގައި ތިއްބެވި އައްޑޫ ސިޓީއަށް ނިސްބަތްވާ ދެ މެމްބަރުން ކަމުގައިވާ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވެސް ތިއްބެވީ އައްޑޫ ސިޓީގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެންދަވަނީ އެކަން ގާތުން ބައްލަވަމުން ކަމަށާއި ފޭދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނުގެ އިރުޝާދުގެދަށުން ސްޓިއަރިން ކޮމެޓީއެއް އެކުލަވާލައްވާފައިވާން ވެސް ނިހާން ފާހަގަކުރެއްވި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ސަރުކާރުން އެކަމަށް އެކަށީގެންވާ ސަމާލުކަމެއްދީފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމީން އެކަމާ ގުޅޭގޮތުން މިހާތަނަށް ބަސްފުޅެއް ވިދާޅުވެފައިނުވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.


ފޭދޫ އާއި މަރަދޫފޭދުގެ ރައްޔިތުން މިހާރު ތިބީ ވަރަށް ދަތި ހާލުގައި ކަމަށާއި ފާޚާނާގައި ފެން ބޭނުން ކުރެވޭނެ ގޮތެއްނެތި އަދި ނިދޭނެ ގޮތެއް ނެތް ރައްޔިތުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި ފޭދޫ އާއި މަރަދޫފޭދޫގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލެއްވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އައްޑޫ ސިޓީގެ 300 އަށްވުރެ ގިނަ ގެއަށް އެ ހާދިސާގައި ގެއްލުންވެފައިވާ ކަމަށެވެ.

ފޭދޫ އާއި މަރަދޫފޭދޫގެ ފެނާއި ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ޚާއްސަގޮތެއްގައި އަވަސް ހައްލެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ކަންތައް ކޮށްދޭނެ ކަމަށާއި އައްޑޫ ސިޓީގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ފާޚާނަހޮޅި އަޅައި ފެނުގެ ނިޒާމް ސަރުކާރުން ގާއިމްކޮށްދޭނެ ކަމަށެވެ.

އެމްޑީޕީގެ މެމްބަރުންގެ ވާހަކަތަކަށް ރައްދުދެއްވައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރު ވިދާޅުވީ ފޭދޫ އާއި މަރަދޫފޭދޫއަށް ކުރިމަތިވި ހާދިސާއާ ގުޅިގެން ރައީސް ޔާމީންގެ އަޑުއިވިވަޑައިގަންނަވާ ކަމަށެވެ.

އާމިރު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުތަކުން ވެސް އެކަން ހާމަވެގެންދާ ކަމަށެވެ.