ހުޅުމާލޭގައި ޔޫތު ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޔޫރޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެޗްޑީސީ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ޔޫރޯ މާކެޓިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ނޫރުއްދީން އެވެ.

ސޮއިކުރެއްވުމަށްފަހު ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު ދެއްވަމުން ސައިމަން ވިދާޅުވީ ޔޫތު ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަމުން އަންނަ އިރު، ޒުވާނުންނަށް ތަފާތު އެކި ގޮތްގޮތުން ތަފާތު ފުރުސަތުތަކެއް ހުޅުމާލޭގައި އިތުރުވެ ތަރައްގީވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ ބޮޑު ސްކޭޓް ޕާކު އެ ޕާކުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ. އޭގެ އިތުރުން ރަނގަޅު ފެންވަރެއްގެ ވޯލްޑްކްލާސް ފުޓްސެލް ދަނޑަކާއި ވޮލީ ފަދަ ކުޅިވަރުތައް ކުޅުމަށް ކޯޓުތަކެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަބަލަން މިތަން ބޭނުންކުރައްވާ ފަރާތްތަކަށް ބޭނުންކުރެވޭނެ ޕަބްލިކް ޓޮއިލެޓްތަކާ އޭގެ އިތުރަށް ސްޕޯޓްސްމަނުންނަށް ބޭނުންވާ ކޮންމެހެން މުހިންމު ސްޓޯރޭޖް ފެސިލިޓީސް ކަހަލަ އެއްޗެހި މިތަނުގައި ގާއިމްވެގެން އަންނާނެ.،" ސައިމަން ވިދާޅުވި އެވެ.

އެ ޕާކުގައި ކެފޭއެއްގެ އިތުރުން ބިލިއާޑް ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ވެސް ހަމަޖެހިގެން އަންނާނެ ކަމަށް ސައިމަން ވިދާޅުވި އެވެ.

މިއަހަރު ތެރޭގައި ޕާކުގެ އަމަލީ މަސައްކަތް ފަށައި ގާތްގަނޑަކަށް ހަ މަސް ދުވަހުގެ މުއްދަތެއްގައި އެ މަސައްކަތް ނިންމާނެ ކަމަށް ޔޫރޯ މާކެޓިންގެ ފަރާތުން މައުލޫމާތުދެ އެވެ.