26 Nov 2015, 16:28
މޮސްކޯ (ނޮވެމްބަރ 26): ރަޝިޔާގެ ހަނގުރާމަވެރި ބޯޓެއް ތުރުކީން ވައްޓާލުމުން، އެ ގައުމާ ދެކޮޅަށް ހަނގުރާމަ ނުކުރާނެ ކމަށް ރަޝިޔާއިން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު ރަޝިޔާގެ ހަނގުރާމަވެރި ބޯޓެއް ވައްޓާލުމާ ގުޅިގެން މޮސްކޯގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯވް ވަނީ ތުރުކީއާ ދެކޮޅަށް ހަނގުރާމަ ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ތުރުކީގެ އެހަމަލާގެ ސަބަބުން ލަވްރޯވް ވަނީ ތުރިކީއަށް އަންގާރަ ދުވަހު ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރައްވާފައި އެވެ.
ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ލަވްރޯވް ވިދާޅުވީ އެ ހަމަލާ އަކީ ކުރިއާލާ ރާވައިގެން، ރަޝިއާ "ރުޅިއަރުވަން" ތުރުކީ އިން ދިން ހަމަލާއެއްކަމަށް ބެލެވޭ ކަމަށެވެ. ނަމަަވެސް، އެ ހަމަލާގެ ބަދަލު އަސްކަރީ ގޮތުން ދޭން ނުވިސްނާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ތުރުކީއާ އެއްކޮށް ހަނގުރާމައަކަށް ދިޔުމަށް [ރަޝިއާއިން] ގަސްތެއް ނުކުރަން. ތުރުކީގެ ރައްޔިތުންނާއި މެދު ރަޝިއާ އިން ދެކޭގޮތް ބަދަލެއްނުވޭ،" ލަވްރޯވް ވިދާޅުވި އެވެ.
ނަމަވެސް، ތުރުކީގެ މިހާރުގެ ސަރުކާރުގެ ނިންމުންތަކާމެދު މެދު ސުވާލު އުފެދިފައި ވާ ކަމަށާއި، ތުރުކީއާ އޮތް ގުޅުންތަކާ މެދު ވިސްނަން ޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ ތުރުކީއިން ދިން ހަމަލާއަކީ ރަޝިއާގެ "ބުރަކަށްޓަށް ވަޅިޖެހުން" ފަދަ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި ބޯޓު ވެއްޓިފައި ވަނީ ސީރިޔާގެ ސަރަހައްދީ ރޮނގުގެ ހަތަރު ކިލޯމީޓަރު އެތެރެއަށް ކަމުން، އެއިން ދޭހަވަނީ ރަޝިއާގެ ބޯޓު ތުރުކީގެ ވައިގެ ސަރަހައްދަށް ވަދެފައި ނުވާ ކަން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ތުރުކީ އިން ވައްޓާލި ބޯޓުގައި ތިބި ދެ ޕައިލަޓުން ވަނީ ވައިކުޑަ އަޅައިގެން ބޯޓުން ފުންމާލައިފަ އެވެ. ނަމަވެސް ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ވަނީ އޭގެ ތެރެއިން އެއް ޕައިލަޓުގެ ގަޔަށް ބަޑި ޖަހާ މަރާލައިފަ އެވެ.
ހާދިސާގައި ސަލާމަތްވި ޕައިލަޓް ކެޕްޓަން ކޮންސްޓެންޓިން މުރަޚްޓިން ވަނީ އެ ބޯޓު ތުރުކީގެ ވައިގެ ސަރަހައްދަށް ވަދެފައި ނުވާނެ ކަމަށާއި، ބޯޓު ވައްޓާލުމުގެ ކުރިން ތުރުކީ އަސްކަރިއްޔާ އިން އެއްވެސް އިންޒާރެއް ދީފައި ނުވާ ކަމަށް ބުނެފަ އެވެ.

ހާދިސާގައި ސަލާމަތްވި ޕައިލަޓް ކެޕްޓަން ކޮންސްޓެންޓިން މުރަޚްޓިން --
ރަޝިޔާގެ ބޯޓަށް އިންޒާރު ދިންކަން ސާބިތު ކުރުމުގެ ގޮތުން ތުރުކީގެ އަސްކަރިއްޔާ އިން ވަނީ ރަޝިޔާގެ ބޯޓަށް އިންޒާރު ދޭ އޯޑިއޯ ރިކޯޑިން އެއް މިއަދު ނެރެފައި އެވެ. އެ ރިކޯޑިންގައި ބޯޓުގެ މިސްރާބު ވަގުތުން ދެކުނަށް ބަދަލުކުރުމަށް އިނގިރޭސިން ބުނާ އަޑު އިވެ އެވެ.
ހާދިސާއާ ގުޅިގެން ތުރުކީން ވެސް ހަމަނުޖެހުންތައް އިތުރުވުމަށް ބޭނުންނުވާ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ވިދާޅުވެފައި އެވެ.