26 Nov 2015, 15:25
މިންޖުވާން ނަމުގައި މާދަމާ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާއާ ގުޅޭ ގޮތުން ހަގީގަތާއި ހިލާފު މައުލޫމާތު ފަތުރާ މީޑިއާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.
އިސްކަންދަރު ބިލްޑިންގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ މުޒާހަރާއާ ގުޅޭ ގޮތުން މީޑިއާއިން ގެނެސްދޭ ހަބަރުތައް ހަގީގަތާ އެއްގޮތަށް ގެނެސްދިނުމަށް އިލްތިމާސްކުރާ ކަމަށާއި ހަގީގަތާއި ހިލާފަށް މައުލޫމާތު ފަތުރާ މީޑިއާތަކާމެދު އަޅަންޖެހޭ ފިޔަވަޅެއް ވަގުތުން އަޅާނެ ކަމަށެވެ.
"ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދައި ކަމުގެ ހަގީގަތް އޮޅޭގޮތަށް އަދި ސަލާމަތީ ބާރުތަކުގެ މެދުގައި ނަފްރަތު އުފެދޭގޮތަށް ހަބަރުތައް ނުފެތުރުމަށް. އަޅުގަނޑުމެން އިލްތިމާސް ކުރަން،" ހަމްދޫން ވިދާޅުވިއެވެ. "މިފަދަ ހަބަރުތައް ފަތުރާ ފަރާތްތަކާއިމެދު ވަގުތުން އަޅުގަނޑުމެން އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަން ވެސް މިފުރުސަތުގައި ފާހަގަކޮށްލަން."
ފުލުހުން އެގޮތަށް ބުނެފައިވާއިރު، މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިދެނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަނެވެ. އެ ދެ މުއައްސަސާއަކީ މީޑިއާތަކަށް ފާރަވެރިވެ، އުސޫލުން ބޭރުން އަމަލު ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާ ދެ މުއައްސަސާ އެވެ.
ހަމްދޫން ވިދާޅުވީ ހަގީގަތާއި ހިލާފަށް ހަބަރުފަތުރާ ފަރާތްތައް މޮނީޓާ ކުރުމަށް ބްރޮޑްކާސްޓިން ކޮމިޝަނަށް ވާނީ އަންގާފައިވާ ކަމަށެވެ.
ބްރޮޑްކާސްޓިން ކޮމިޝަނުން މިއަދު ބުނީ ގައުމީ ސަލާމަތަށް ނުރައްކާވެ، ގައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ހަގީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.