26 Nov 2015, 15:48
އެކި އަތޮޅުތަކުގެ 10 ރަށެއްގެ ބަނދަރާއި ރަށެއްގެ ޖެޓީ ހެދުމުގެ މަސައްކަތް ސަރުކާރުން މިއަދު ކޮންޓެރެކްޓަރުންނާ ހަވާލުކުރައްވައިފި އެވެ.
ސްޓެލްކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަވާލުކުރީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އަޑީބީގެ) ލޯނު އެހީ އާއި ދައުލަތުގެ ފައިސާ ހަރަދުކޮށްގެން ހަދާ ހދ. ނޮޅިވަރަމް، ނޮޅިވަރަންފަރު، ނ.މާފަރު، ނ.މާޅެންދޫ، ނ. ވެލިދޫ، ރ. އިންނަމާދޫ، މ.ކޮޅުފުށި، ލ.ގަން ތުނޑީ އަވަށް، ކ. ތުލުސްދޫ އަދި ފުވައްމުލަކުގެ ބަނދަރުގެ މަސައްކަތެވެ. އަދި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނ. ފޮއްދޫގައި ހަދާ ޖެޓީގެ މަސައްކަތް ވެސް އެ ރަސްމިއްޔާތުގައި ހަވާލުކުރި އެވެ.
މިއަދު ހަވާލުކުރި 10 ބަނދަރުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައި ވަނީ އެކި ރަށްތައް ހިމެނޭ ޕެކޭޖްތަކެއްގެ ގޮތުގައެވެ. އެގޮތުން ލޮޓް:1 ގައި ހިމެނޭ ހދ. ނޮޅިވަރަންފަރާއި ނޮޅިވަރަމާއި ނ. މާޅެންދުއާއި އެއަތޮޅު މާފަރުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 7.2 މިލިޔަން ޑޮލަރުގެ އަގަކަށެވެ.
ލޮޓް:2 ގައި ހިމެނޭ ނ. ވެލިދުއާއި ރ. އިންނަމާދޫގެ ބަނދަރުގެ މަސައްކަތް ވެސް ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ ކުފުންޏާ އެމަސައްކަތް ހަވާލުކުރީ 4.7 މިލިޔަން ޑޮލަރުގެ އަގަކަށް 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ލޮޓް:3 ގައި ހިމެނޭ މ.ކޮޅުފުށްޓާއި ލ.ގަން ތުނޑީ އަވަށުގެ ބަނދަރުގެ މަސައްކަތް ހަވާލުކުރީ ސްރީލަންކާގެ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ އެމަސައްކަތް ހަވާލުކުރީ 5.6 މިލިޔަން ޑޮލަރަށް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
10 ރަށެއްގެ ބަނދަރާއި ރަށެއްގެ ޖެޓީ ހެދުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތު. ސަން ފޮޓޯ/ ޢަލީ ނަސީރު
ލޮޓް:4 ގައި ހިމެނޭ ކ. ތުލުސްދޫ ބަނދަރު ހެދުމުގެ މަސައްކަތް ވެސް ހަވާލުކުރީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ އެ މަސައްކަތް ހަވާކުރީ 2.6 ޑޮލަރަށް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ލޮޓް:5 ގައި ހިމެނޭ ޏ. ފުވައްމުލަކުގައި މިހާރު އޮތް ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 2.6 މިލިޔަން ޑޮލަރަށެވެ.
އަދި ނ. ފޮށްދޫގައި ޒަމާނީ ރަނގަޅު ފެންވަރަކަށް ޖެޓީއެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އެމްޓީސީއާއެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 15 މިލިޔަން ރުފިޔާއަށެވެ.
މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒެވެ.
މަސައްކަތްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޢަބުދުﷲ ޖިހާދާއި މަޝްރޫއުތައް ހިންގާ ރަށްތައް ހިމެނޭ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.