26 Nov 2015, 16:34
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗްތައް ކާމިޔާބުކޮށްގެން އެތްލެޓިކޯ މެޑްރިޑް އާއި ޔުއެންޓަސް އަދި ޕީއެސްޖީ ވެސް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.
އެތްލެޓިކޯ މެޑްރިޑް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ، ރޭ ގަލަތަސަރާއީގެ މައްޗަށް 0-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު އެ މެޗުގައި، އެ ޓީމުގެ ދެ ގޯލް ވެސް ކާމިޔާބުކޮށް ދިނީ ގްރިޒްމަންއެވެ.
މި މޮޅާއެކީ، އެތްލެޓިކޯ އޮތީ 10 ޕޮއިންޓާއެކީ ގްރޫޕް ސީގެ އެއް ވަނައިގަ އެވެ. ދެވަނައިގައި 10 ޕޮއިންޓާއެކީ ބެންފީކާ އޮތްއިރު، މި ގްރޫޕުން ދެވަނަ ބުރަށް ދަތުރުކުރީ ވެސް މި ދެ ޓީމެވެ.

ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ މެންޗަސްޓާ ސިޓީއާއި ޔުއެންޓަސް ބައްދަލުކުރި މެޗްގެ ތެރެއިން --- ފޮޓޯ: އޭޕީ
ޔުއެންޓަސް ދެ ވަނަ ބުރުގެ ޖާގައެއް ހޯދީ މެންޗެސްޓާ ސިޓީ އަތުން 1-0 އިން މޮޅުވެ 11 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް އޮތީ މިހާރު ގްރޫޕުގެ އެއް ވަނައިގަ އެވެ. ދެ ވަނަ ބުރުން ކުރިން ޖާގަ ހޯދާފައިވާ ސިޓީ މިހާރު އޮތީ ނުވަ ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ސިޓީ އަށް އެއް ވަނަ ހޯދުމުގެ އަމިއްލަ ބާރު މިހާރު ވަނީ ގެއްލިފަ އެވެ.
ޔުވެންޓަސްގެ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ 18 ވަނަ މިނެޓުގައި މާރިއޯ މަންޑްޒުކިޗް އެވެ. ރޭގެ މެޗުގައި ސިޓީ ކުޅުނީ އަނިޔާގެ ސަބަބުން މުހިއްމު ހަ ކުޅުންތެރިއަކު ނުލަ އެވެ.
މުބާރާތުގެ ދެވަނަ ބުރަށް ޕީއެސްޖީ ދަތުރު ކުރީ މަލްމޯގެ މައްޗަށް 0-5 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ޕީއެސްޖީ އާއި މަލްމޯ ކުޅުނު މެޗްގައި ޕީއެސްޖީގެ ޑިމާރިއާ ބޯޅަ ހިފައިގެން ކުރިއަށް ދަނީ --- ފޮޓޯ: އޭޕީ
މަލްމޯ ކޮޅަށް ޕީއެސްޖީގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު އެންހެލް ޑި މާރިއާ ކާމިޔާބުކުރިއިރު، އިބްރަހިމޮވިޗާއި އަޑްރިއަން ރަބިއޯ އަދި ލޫކަސް މޯރާ ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ޖަހައިފަ އެވެ.
ރޭގެ މި މޮޅާއެކު ޕީއެސްޖީ ވަނީ ކުޅުނު 5 މެޗުން ލިބުނު 13 ޕޮއިންޓާއެކު މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދެން ދަތުރު ކުރީ ގްރޫޕުގެ އެއް ވަނަ މަގާމުގައި އޮތް ރެއާލް މެޑްރިޑެވެ.
މީގެ އިތުރުން ގްރޫޕް ސީ އިން ބެންފީކާ ވަނީ ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އާސްތާނާއާ 2-2 އިން އެއްވަރުވި ބެންފީކާ ދެ ވަނަ ބުރަށް ދިޔައީ 10 ޕޮއިންޓާ އެކުގައެވެ. ތިން ވަނައިގައި ހަތަރު ޕޮއިންޓާ އެކު ގަލަތަސަރާއީ އޮތްއިރު ތިން ޕޮއިންޓާ އެކު ފުލުގައި އޮތީ އާސްތާނާ އެވެ.