26 Nov 2015, 18:06
އާސަންދައިގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި އޮޅުވާލައިގެން ފައިސާ އަތުލަމުން އަންނާތީ އެ ކަމަށް ސަމާލުވުމަށް އާސަންދަ ކުންފުނިން މިއަދު އިލްތިމާސްކޮށްފި އެވެ.
އާސަންދަކީ ކޮންމެ ދިވެހި ރައްޔިތަކަށް ހިލޭ ބޭސްފަރުވާގެ ޔަގީންކަން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ބޭސްފަރުވާގެ ސުކީމެކެވެ.
އާސަންދަ ކުންފުނިން މިއަދު ބުނީ ހުސްނުވާ އާސަންދަ ސުކީމްގެ ދަށުން ހިދުމަތް ހޯދުމަށްފަހު ބާކީވާ ފައިސާ ޖަމާކުރުމަށް އެކައުންޓް ނަންބަރާއި ކާޑުގެ މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ އެއްވެސް މުވައްޒަފެއް ނުގުޅާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ ފަރާތުން ހުރިހާ ދިވެހި ރައްޔިތުންނަށް އަންގާ ކަމަށެވެ.
އޭގެ އިތުރުން ހުސްނުވާ އާސަންދަ ސްކީމަކީ ފައިސާގެ އެއްވެސް މުއާމަލާތެއް އާންމު ރައްޔިތުންނަށް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ސްކީމަކަށް ނުވާތީ، އެފަދަ ކަންކަމަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ފުލުހުން އިއްޔެ ބުނީ ނުދަންނަ ނަމްބަރަކުން އާސަންދަ އޮފީހުގެ ނަމުގައި މީހަކަށް ގުޅައި އާސަންދައިން ބޭސްފަރުވާ އަށް ކަނޑައަޅާފައިވާ ފައިސާ ބޭނުން ނުކޮށް ހުރުމާއެކު އެކައުންޓަށް ފައިސާ ޓްރާންސްފާ ކޮށްދޭނެ ކަމަށް ބުނެ ބެންކް ކާޑުގެ މައުލޫމާތު އޮޅުވާލައިގެން ހޯދައި 120000 އަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން އުތުރުގެ އަތޮޅެއްގެ ރަށެއްގައި ދިވެއްސެއްގެ އެކައުންޓުން އިއްޔެ 80،000 ރުފިޔާ މަކަރާ ހީލަތުން އަތުލާފައިވާއިރު ހަމަ އެރަށު އެހެން ދިވެއްސެއްގެ އެކައުންޓުން 20،000 ރުފިޔާ އަދި ތިންވަނަ މީހާގެ އެކައުންޓުން 6،000 ރުފިޔާ ފޭރިގެންފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ނުދަންނަ އަދި އިތުބާރު ނުކުރެވޭ އެއްވެސް މީހަކަށް ފައިސާގެ އެފަދަ މުއާމަލާތްތައް ނުހިންގުމަށް އިލްތިމާސް ކޮށްފަ އެވެ. ހާއްސަކޮށް، ބޭންކުން ދޫކޮށްފައިވާ އެއްވެސް ކާޑެއްގެ އެއްވެސް ނަމްބަރެއް އަދި ކާޑުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.