26 Nov 2015, 12:58
ރ. އިނގުރައިދޫ ފިހާރައަކުން ވަގަށް ނަގާފައިވާ 50،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައި އެ މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 33 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އިނގުރައިދޫ ފިހާރައަކުން ވަގަށް ނަގާފައިވާ 51،500 ރުފިޔާ އާއި 140 ޑޮލަރާއި ބައެއް ފޯނު ކާޑުތައް އިނގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން ބައެއް ފައިސާތަކާއި ފޯނުކާޑުތައް އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހައްޔަރުކުރި 20 އަހަރުގެ މީހާގެ ގޭގެ ގިފިލީގައި ވަޅުލާފައި ހުއްޓައި ކަމަށާއި ދެން ހުރި ފައިސާތައް ފެނިފައި ވަނީ ހައްޔަރު ކުރި 29 އަހަރުގެ މީހާ، އެ ފައިސާތައް ދެ ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފައިސާތަކާއި ފޯނުކާޑުތައް މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.