އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫގެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ފެން ހިންދުމާއި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ސުޓިއަރިން ކޮމެޓީއެއް މިއަދު އެކުލަވާލައިފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ބުނީ އެ ކޮމެޓީ އެކުލަވާލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަޝްވަރާގެ މަތިން ކަމަށެވެ.

އެ ސުޓިއަރިން ކޮމެޓީގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި ހައުސިން މިނިސްޓްރީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުގެ ބޭފުޅުންނެވެ.

އެ ކޮމެޓީގެ ޗެއާމަނަކަށް އެމްއެންޑީއެފްގެ ސަދަންއޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހީމް ވަނީ ހަމަޖައްސައިފަ އެވެ.

އެ ކޮމެޓީ އެކުލަވާލާފައި ވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގައި ފެންހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ މުއައްސަސާތަކުގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ ވިއްސާރާގައި ގޭގެއަށް ފެންވަދެފައިވާތީ އެކަމުގެ ސަބަބުން ފޭދޫ އާއި މަރަދޫ ފޭދޫގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ބައެއް ގޭގައި ބޭނުންކުރާ އައިސް އަލަމާރި އާއި ބެޑްރޫމާއި ސޯފާފަދަ ދިރިއުޅުމުގައި އެއާނުލައި ނޫޅެވޭ ފަދަ ތަކެތި ހަލާކުވެފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ބޯކޮށް ވާރޭވެހި ފޭދޫ އާއި މަރަދޫފޭދޫގައި ފެންބޮޑުވި ސަރައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ބުންޏެވެ.