ސިވިލް ސާވިސްގެ ވަޒީފާ އަށް އަލަށް ވަންނަ މުވައްޒަފުން ވަޒީފާ އަށް ވަންނަތާ ތިން މަސް ދުވަހުގެ ތެރޭގައި ވަޒީފާ އަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ސިވިލްސާވިސް ކޮމިޝަން [ސީއެސްސީ] އިން ހަމަޖައްސައިފި އެވެ.

ސީއެސްސީ އިން ބުނީ "ސިވިލް ސާވިސްގެ ވަޒީފާ އަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް" ޖޫން މަހުގައި ފެށުމުގެ ކުރިން އިދާރާތަކުން އެ ޕްރޮގްރާމް ކުރިއަށް ގެންދާ މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އަންނަ އާދިއްތަ ދުވަހު ފަށާނެ ކަމަށެވެ.

ސީއެސްސީ އިން ވަނީ އެ ޕްރޮގްރާމް ތަޢާރަފް ކުރުމުގެ ގޮތުން ލުއިފޮތެއް ވެސް ނެރެފަ އެވެ. ސީއެސްސީ އިން ބުނީ އެ ޕްރޮގްރާމްގެ މަގުސަދަކީ ސިވިލްސާވިސްގެ ވަޒީފާ އަށް އަލަށް ވަންނަ މުވައްޒަފުން، ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ކުރުވުން ކަމަށެވެ. އަދި ވަޒީފާ އަދާކުރާ މުއައްސަސާއަށް ތަޢާރަފް ކޮށްދިނުމާ އެކު އެ މުވައްޒަފެއްގެ މަސައްކަތްތައް އޮމާން ކަމާއި ޔަގީންކަމާ އެކު ފަށައިގަތުމަށް މަގުފަހިކޮށްދީ އެ މުއައްސަސާއެއްގައި މަސައްކަތް ކުރުމަށް ޝައުގުވެރި ކުރުވުމަށް ތަޢާރަފްކުރެވޭ ޕްރޮގްރާމެއް ކަމަށް ވެސް ސީއެސްސީން ބުންޏެވެ.