26 Nov 2015, 11:20
ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަކީ ގައުމީ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ)ގެ އެންމެ ފަހުގެ މުބާރާތް ކަމަށް އޭނާ ބުނެފި އެވެ.
ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އަދި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ދަނގަޑޭ މިއަންނަ ޑިސެމްބަރު މަހު އިންޑިއާގެ ނިއު ދިއްލީގައި ބާއްވާ ސާފް ސުޒުކީ ކަޕަށް ފަހު، އެ މުބާރާތުން އޭނޭ ދެން ފެނިގެން ނުދާނެ ކަމަށް ދަނގަޑޭގެ ފޭސްބުކް ޕޭޖްގައި އޭނާ ވަނީ ބުނެފަ އެވެ.
އުމުރުން އެންމެ 16 އަހަރުގައި 2001 ވަނަ އަހަރު ބޭއްވި ޕޮމިސްކަޕްގައި ވެލެންސިއާގެ ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް ނިކުތް ދަނގަޑޭ ވަނީ ޖެހިގެން އޮތް އަހަރު އޭއެފްސީ ޗެމްޕިއަންސްލީގް ކޮލިފިކޭޝަންގައި ފުރަތަމަ އިންޓަނޭޝަނަލް މެޗު ކުޅެ ވެލެންސިއާ އަށް ގޯލެއް ވެސް ކާމިޔާބުކޮށްދީފަ އެވެ.
ކްލަބް ފުޓްބޯޅަ އާއި ގައުމީ ޓީމްގައި ވެސް މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ނުހޯދޭ އެތައް ރިކޯޑްތަކެއް ހަދާފައިވާ ދަނގަޑޭ އެންމެ ފުރަތަމަ ދިވެހިންގެ ލޮލުގައި އަޅައިގަތީ 2003 ވަނަ އަހަރު 36 ގޯލް ކާމިޔާބުކޮށް އެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް ހޯދި ހިސާބުންނެވެ.
ވެލެންސިއާ އިން ކެރިއަރު ފެށި ދަނގަޑޭ ވަނީ ރަން ބޫޓް ޖެހިޖެހިގެން ތިން ފަހަރު ހޯދައިފަ އެވެ. އަދި އެއަށް ފަހު އޭނާ ރާއްޖޭގެ އެންމެ ބޮޑެތި ކުލަބްތައް ކަމަށްވާ ނިއުރޭޑިއަންޓާއި އޭރުގެ މަސްހޫރު ކުލަބެއް ކަމަށްވާ ވީބީ އަށް ވެސް ވަނީ ކުޅެފަ އެވެ.
ރާއްޖޭގެ އެހެން އެއްވެސް ކުޅުންތެރިއަކަށް ފުރުސަތު ނުލިބޭ ވަރަށް ބޭރުގެ ޓީމްތަކުން ވެސް ދަނގަޑޭއަށް ވަނީ ފުރުސަތު ލިބިފަ އެވެ. އެގޮތުން ދަނގަޑޭ ވަނީ 2007 ވަނަ އަހަރު ނިއުރޭޑިއަންޓަށް ކުޅެމުން އެ ޓީމުން ރިލީސް ހޯދުމަށް ފަހު ބުރޫނާއީގެ ޑީޕީއެމްއެމް އަށް ލޯން އެއްބަސް ވުމެއްގެ ދަށުން ކުޅެފަ އެވެ. އަދި މިހާރު އޭނާ އަންނަނީ މެލޭސިއާ ލީގްގައި ޕީޑީއާރުއެމް އަށް ކުޅެމުންނެވެ.
މިއީ ދަނގަޑޭގެ އެންމެ ފަހުގެ ސާފް ޗެމްޕިއަންސިޕަށްވާ އިރު އޭނާ ވަނީ އެ މުބާރާތުގެ 2008، 2009، 2011 އަދި 2013 ވަނަ އަހަރުއެ މުބާރާތުގައި ކުޅެފަ އެވެ. އެ މުބާރާތުގައި 14 ގޯލް ޖަހައިގެން އެންމެ ގިނަ ގޯލް ކާމިޔަބުކޮށްފައިވާ ދަނގަޑޭ ވަނީ ރާއްޖެ އިން 2008 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި އިރު މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ދަގަނޑޭ އެވެ.