26 Nov 2015, 12:46
ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި ރޭ ޕީއެސްވީ އެންދޯވަންއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެ ނުޖެހި އެއްވަރުވެ ގްރޫޕް 'ބީ'ގެ އެއް ވަނައަށް އަރަން ލިބުނު ފުރުސަތު މެންޗެސްޓާ ޔުނައިޓަޑަށް ގެއްލިއްޖެ އެވެ.
އަމިއްލަ ދަނޑު، އޯލްޑް ޓްރެފާޑްގައި ކުޅުނު މެޗްގައި ލަނޑެއް ނުޖެހި އެއްވަރުވުމުން ލިބުނު ޕޮއިންޓާ އެކު މެންޔޫ ތާވަލްގެ ދެ ވަނައިގައި އޮތީ އަށް ޕޮއިންޓް ލިބިގެންނެވެ.
އެއް ވަނައިގައި އޮތީ އިއްޔަ ރޭ ސީއެސްކޭ މޮސްކޯ އަތުން 2-0ގެ ނަތީޖާއަކުން މޮޅުވި ޖަރުމަންގެ ވޮލްފްސްބާގެވެ.
ތިން ވަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އޮތް ޕީއެސްވީ އެވެ.
ރޭގެ މެޗްގައި މެންޔޫގެ ޖޭސް ލިންގާޑާއި މޯގަން ޝްނައިޑްލިންއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފަ އެވެ.

ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި މެންޔޫއަ ޕީއެސްވީ ބައްދަލު ކުރި މެޗްގެ ތެރެއިން --- އޭޕީ ފޮޓޯ/ ޖޯން ސްޕާ
އެގޮތުން ލިންގާޑް ފޮނުވާލި ބޯޅަ ގޯލް ދަނޑިއަށް އަމާޒުވި އިރު ޝްނައިޑްލިން ފޮނުވާލި ހަމަލާ ޕީއެސްވީގެ ކީޕަރު ޖޯރެން ޒޯޓް ވަނީ ސޭވްކޮށްފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން މެންޔޫގެ ކޯޗް ލުއިސް ވެންހާލްވަނީ އޭނާގެ ޓީމަށް ލަނޑު ނުޖެހޭ މައްސަލަ ފާހަގަކޮށްފަ އެވެ.
އޭނާ ބުނީ ރޭގެ މެޗްގައި ވެސް އޭނާގެ ޓީމަށް ތިން ލަނޑު ޖެހުނިސް ކަމަށާއި ނަމަވެސް ކުރިމަތިވީ ނިންމާނުލެވުމުގެ މައްސަލަ ކަމަށެވެ.

ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި މެންޔޫއަ ޕީއެސްވީ ބައްދަލު ކުރި މެޗްގެ ތެރެއިން. ޕީއެސްވީގެ ޖެފްރީ ބުރުމާ އަތުން ބޯޅަ ހޯދުމަށް މެންޔޫގެ މޯކޯސް ރޮޖާ (ވ) މަސައްކަތް ކުރަނީ --- އޭޕީ ފޮޓޯ/ ޖޯން ސްޕާ
ވެންހާލް ބުނީ އަދި އެ ޓީމް އޮތީ ތާވަލްގެ ދެ ވަނައިގައި ކަމުން އެޓީމު އޮތި ދެ ވަނަ ބުރަށް ކޮލިފައިވެވޭ ހިސާބެއްގައި ކަމަށެވެ.
ޕީއެސްވީގެ ކޯޗް ފިލިޕް ކޮކޫ ބުނީ މެންޔޫގެ ދަނޑުގައި އޭނާގެ ޓީމުން ދެއްކި ކުޅުމާ މެދު ހިތް ހަމަޖެހޭ ކަމަށެވެ.
އަދި އެމެޗުން ޕޮއިންޓެއް ނަމަވެސް ނުލިބުނު ނަމަ ދެ ވަނަ ބުރަށް ދިއުމުގެ އުންމީދު ޕީއެސްވީ އަށް ގެއްލިގެން ދިޔައިސް ކަމަށް ކޮކޫ ބުންޏެވެ.