ފްލޮރިޑާ (ނޮވެމްބަރ 26) :އަމިއްލަ ރައްކަލަށް ކަމަށް ބުނެ އަނބިމީހާގެ ގަޔަށް އަށް ފަހަރު ބަޑި ޖަހ މަރާލުމަށް ފަހު، މަރުވެފައިވާ އަނބިމީހާގެ ފޮޓޯ ފޭސްބުކަށް ލާފައިވާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޑެރެކް މަދީނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަމުގެ ކުށް ސާބިތުވެއްޖެ އެވެ.

ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށް ސާބިތު ވުމާ ގުޅިގެން މަދީނާއަށް 25 އަހަރުގެ ނުވަތަ އުމުރުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވެ އެވެ.

ފްލޮރިޑާގައި 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިނގާފައިވާ އެ ހާދިސާގައި މަރުވެފައި ވަނީ 27 އަހަރުގެ ޖެނިފާ އަލްފޮންސޯ އެވެ.

ޖެނިފާ މަރާލުމަށް ފަހު މަދީނާ ފުލުހުންނަށް ވީޑިއޯގެ ޒަރިއްޔާ އިން ދިން ބަޔާނުގައި އޭނާ ބުނި ގޮތުގައި، ޖެނިފާ މަރާލަން ޖެހުނީ އެ ދެ މީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގައި ޖެނިފާ ވަޅިއެއް ނަގައިގެން އިންޒާރު ދޭން ފެށުމުންނެވެ.

ޖެނިފާ މަރާލުމުން އޭނާގެ މައްޗަށް މަރުގެ ހުކުމް ނުވަތަ އުމުރަށް ޖަލުގެ ހުކުމް ކޮށްފާނެ ކަމަށް ފޭސްބުކްއަށް މަދީނާ އަޕްލޯޑް ކުރި ޖެނިފާގެ ފޮޓޯގެ ތިރީގައި އޭނާ ލިޔެފަ އެވެ. އަދި ޖެނިފާ ގަޔަށް ބަޑި ޖަހާފައި ވަނީ ޖެނިފާގެ އަނިޔާތަކަށް ކެތް ނުކުރެވިގެން ކަމަށް ވެސް އޭނާ ލިޔުނު ކަމަށްވެ އެވެ. ފޮޓޯލީތާ މާ ގިނަ އިރުތަކެއް ނުވެ ފޭސްބުކުން ވަނީ އެ ފޮޓޯ ނަގައިފަ އެވެ.

ފޭސްބުކަށް ފޮޓޯ ލުމަށް ފަހު މަދީނާ ވަނީ އޭނާގެ އާއިލާ އާ ބައްދަލުކޮށް ކަންތައް ހިނގައި ދިޔަ ގޮތް އެމީހުންނަށް ކިޔައިދީފަ އެވެ. އޭގެ ފަހުން އޭނާ އަމިއްލަ އަށް ފުލުހުންނާ ހަވާލުވީ އެވެ.

މަދީނާ އާ ދެކޮޅަށް ކޮށްފައިވާ ދައުވާ ސާބިތުވެފައި ވަނީ، ޖެނިފާ އޭނާ އާ ވަކިވާން ނިންމައިފި ނަމަ، ޖެނިފާ މަރާލާނެ ކަމަށް މަދީނާ ވައުދު ވެފައިވާ ކަމުގެ ހެކި ލިބުމުންނެވެ. ހާދިސާ ހިނގުމުގެ ކުރިން ޖެނިފާ ދިޔައީ އޭނާގެ ފިރިމީހާ ކައިރިން ވަކިވުމަށް ވިސްނަމުން ކަމަށް ޖެނިފާގެ އެކުވެރިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ބަޑީގެ ބޭނުން ނުކޮށް ވެސް 91 ކިލޯ ގްރާމްގެ ބަރުދަން ހުރި މަދީނާ އަށް، އޭނާގެ އަންހެނުންގެ އަތުގައި އޮތް ވަޅި ހޯދުނީސް ކަމަށް ޕްރޮސެކިއުޓަރުން ވަނީ ފާހަގަ ކޮށްފަ އެވެ.

މީހަކު ގަސްތުގައި މެރުމުގެ ހުކުމުގެ އިތުރުން ކުޑަކުއްޖަކަށް އިހުމާލުވުމުގެ ހުކުމް ވެސް މަދީނާގެ މައްޗަށް ކޮށްފައިވެ އެވެ. ސަބަބަކީ، ހާދިސާ ހިނގި އިރު މަދީނާއާ ޖެނިފާގެ 10 އަހަރުގެ އަންހެން ދަރިފުޅު ގޭގައި އުޅުނެވެ. އަދި ފުލުހުންނާ ހަވާލުވާން މަދީނާ ދިޔައިރު ކުޑަކުއްޖާ އުޅުނީ ގޭގައި އެކަނި އެވެ. އެ ކުއްޖާ އަށް ހާދިސާ ހިނގިތަން ފެނިފައި ނުވެ އެވެ.

މައުލޫމާތު: އޭޕީ