26 Nov 2015, 10:22
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހާއްސަ އޮޑިޓް އަންނަ ޖެނުއަރީ މަހުގެ ކުރީ ކޮޅު ނިމޭނެ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އެސިސްޓެންޓް އޮޑިޓާ ޖެނެރަލް މުހައްމަދު ހުސެއިން މިއަދު ސަން އަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ނިމޭނެ ކަމަށް "ވަރަށް ބޮޑަށް" ލަފާ ކުރެވޭ ކަމަށެވެ.
ސަރުކާރުން ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން އެމްއެމްޕީއާރްސީ ހިންގާފައިވާ ގޮތުގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓް އޮފީހަށް އަންގައިފަ އެވެ. އޮޑިޓާ ޖެނެރަލްއަކަށް ހުންނަވަނީ އެ މުއްދަތުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ ބޭބެ ހަސަން ޒިޔަތު އެވެ.
އޮޑިޓާ ޖެނެރަލް ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރުސީގެ އެ ހާއްސަ އޮޑިޓް ތައްޔާރު ކުރުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެ އޮޑިޓް ތައްޔާރުކުރާނީ އެސިސްޓެޓް އޮޑިޓާ ޖެނެރަލް އައިމަން އިބްރާހިމްގެ ބެލުމުގެ ދަށުން ކަމަށެވެ.
"މި ހާއްސަ އޮޑިޓަކީ މިނިވަން އެއްޗަކަށް ވާނެ ކަން ޔަގީން، މި އޮޑިޓްގައި އަޅުގަނޑު ހުންނާނީ އެއްފަރާތްވެލައިގެން،" ޒިޔަތު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިރު އެކުންފުންޏާ ގުޅޭ ގޮތުން ތަފާތު މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ފައިސާ އާ ގުޅޭ މައްސަލަތަކާއި އޮޅުވާލައިގެން ރާއްޖެ އެތެރެކުރި ބަޑިބޭސް ކޮންޓޭނަރެއްގެ މައްސަލައެއް ހިމެނެ އެވެ.