"މިންޖުވާން" ނަމުގައި އެމްޑީޕީން މާދަމާ ބާއްވާ މުޒާހަރާ މާދަމާރޭ 12:00 ޖަހާއިރު ނިމުމަކަށް ގެނައުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް އަންގައިފި އެވެ.

މިނިސްޓަރު އުމަރު ނަސީރު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗުން ބޭރަށް ދިޔަނުދިނުމަށާއި މާދަންރޭ ދަންވަރު 12:00 ޖަހާއިރު މުޒާހަރާ ނިމުމަކަށް ގެނައުމަށް ފުލުހުންނަށް އަންގަވާފައިވާ ކަމަށެވެ.

މިނިސްޓަރު އުމަރު އެހެން ވިދާޅުވެފައިވާ އިރު އެމްޑީޕީން އިއްޔެ ބުނެފައި ވަނީ "މިންޖުވާން" މުޒާހަރާ 73 ގަޑިއިރާއި 13 މިނެޓަށް ދިގު ދެމިގެން ދާނެ ކަމަށެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ހުކުރު ދުވަހު ދިގު ދެމިގެންދާ އެ މުޒާހަރާގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

"މުޒާހަރާ މައިގަނޑު ގޮތެއްގައި ހިންގުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗުގައި. ނަމަވެސް އަޅުގަނޑުމެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވުމުން ހަމައެކަނި އާޓިފިޝަލް ބީޗަކު ނޫން ތިބޭނީ. ކަން މައްޗަށް ވެސް ނުކުންނާނަން،" އޭނާ ވިދާޅުވި އެވެ.

އެ މުޒާހަރާގައި އެމްޑީޕީ އިން ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅަމުން ގެންދާނެ ކަމަށް އަނަސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ހުށަހެޅުންތަކަކީ ދިގު ހުށަހެޅުންތަކަކަށް ނުވާނެ ކަމަށެވެ. އަދި އެ ހުށަހެޅުންތަކަކީ މުޒާހަރާ ކުރުމަށް ހަމަޖެހިފައިވާ 73 ގަޑިއިރުގެ ތެރޭގައި ފުއްދައި ދެވޭ ވަރުގެ ހުށަހެޅުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.