26 Nov 2015, 10:01
މިހިނގާ 2015 ވަނަ އަހަރު ދުނިޔޭގެ ސަތަޙައިގެ ފިނިހޫނުމިން ހުރި މިންވަރަކީ، ފިނިހޫނުމިން މަތިވުމުގެ ރެކޯޑެއް ކަމަށް ވެދާނެ ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ 'ވޯލްޑް މީޓިރިއޮލޮޖިކަލް އޯގަނައިޒޭޝަން' (ޑަބްލިއުއެމްއޯ) އިން ބުނެފި އެވެ.
ޑަބްލިއުއެމްއޯ އިން އިއްޔެ އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިންޑަސްޓްރިއަލް ޒަމާން ފެށުމުގެ ކުރިން ހުރި ވަރަށް ވުރެ، ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން މިއަހަރު އެއް ޑިގްރީ ސެލްސިއަސް މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިހާ ހޫނު ގަދަވެފައި ވަނީ އިންސާނުން ކުރާ، ދުނިޔެ ހޫނުވުމަށް މެދުވެރިވާ ކަންތައްތަކުގެ ސަބަބުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް މިހިނގާ ފަސް އަހަރަކީ ދުނިޔޭގެ އެންމެ ހޫނު ގަދަ ފަސް އަހަރެވެ.
ޑަބްލިއުއެމްއޯގެ ސެކްރެޓަރީ ޖެނެރަލް މިޝޭލް ޖެރައުޑް ވިދާޅުވެފައި ވަނީ މި އަހަރަކީ ގިނަ ސަބަބުތަކަކާ ހެދި ރެކޯޑް އަހަރަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ވައިގެ ފަށަލައިގައި އެކުލެވޭ ގްރީން ހައުސް ގޭސްތަކުގެ މިންވަރު އެންމެ މައްޗަށް ދާނީ ވެސް މިއަހަރު ކަމަށާއި ވައިގެ ފަށަލައިގައި ކާބަން ޑައިއޮކްސައިޑް އެކްލެވޭ މިންވަރު 400 ޕީޕީއެމްއަށް ވުރެ މައްޗަށް ދިއުމަކީ މިއަހަރު ރެކޯޑަކަށްވާ ބައެއް ސަބަބުތައް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"... މިއީ ޕްލެނެޓަށް ނުބައި ހަބަރެއް،" ޖެރައުޑް ވިދާޅުވެފައި ވެއެވެ.