26 Nov 2015, 10:28
ޔުއެފާ ޗެމްޕިއަންސް ލީގްގައި ރޭ ޝަހުތަރު ޑޮނެސްކް ގެ މައްޗައް 3-4 ނެ ނަތީޖާ އަކުން ކުރި ހޯދައި ރެއާލް މެޑްރިޑް ގުރޫޕް 'އޭ' ގެ ތާވަލްގެ އެއްވަނަގައި ހަމަޖެހިލައިފިއެވެ.
މި މެޗުން ބަލިވި ޝަހުތަރު އޮތީ ކުޅުނު ފަސް މެޗުން ތިން ޕޮއިންޓް ލިބިގެން ގްރޫޕްގެ ތިންވަނައިގަ އެވެ.
ގިނަ ލަނޑު ތަކެއް ފެނިގެން ދިޔަ އެ މެޗްގައި 18 ވަނަ މިނެޓްގައި ރެއާލްގެ ގެރެތް ބޭލް ކީޕަރުގެ ބޯމަތިން ގޯލް ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ރޮނާލްޑޯ ވަނީ ބޮލުންޖަހައި ގޯލްގެ ތެރެއަށް ވާއްދާލައިގެން ޝަހުތަރު ގެ ލަނޑު ހުޅުވާލަ ދީފައެވެ.

ޗެމްޕިއަންސް ލީގްގައި ރޭ ރެއާލް އާއި ޝަހުތަރު ބައްދަލުކުރި މެޗްގައި ރެއާލްގެ ބޭލް އަށް ޝަހުތަރު ޓެކުލްކުރަނީ --- ފޮޓޯ:އޭޕީ
ރޮނާލްޑޯގެ އެ ލަނޑަށްފަހުގައި ވެސް ފުރަތަމަ ހާފްގައި އޭނާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ލިބިފައެވެ. އެހެން ނަމަވެސް ފުރަތަމަ ހަފް ނިމުނީ އެ ނަތީޖާގައި އޮވެގަންނެވެ.
ދެވަނަ ހާފް ފެށިގެން މެޗްގައި މޮޅު ކުޅުމެއް ފެނިގެން ދިޔަ ރޮނާލްޑޯގެ އެހީތެރިކަމާ އެކު ރެއާލް އިން ވަނީ 50 އަދި 52 ވަނަ މިނެޓްގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ލަނޑު ލޫކަ މޮޑްރިޗް ކާމިޔާބު ކުރި އިރު ދެވަނަ ލަނޑު ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ޑެނިއަލް ކަރަވަހާލްއެވެ.
މެޗްގެ 71 ވަނަ މިނެޓްގައި ރެއާލް އިން ޖެހި ފަހު ލަނޑު ރޮނާލްޑޯގެ ދެ ވަނަ ލަނޑުވެސް ކާމިޔާބު ކުރީ ފުރަތަމަ ލަނޑު ޖަހަންވެސްް ފުރުސަތު ތަނަވަސްކޮށްދިން ބޭލްގެ ދިން ޕާހަކުންނެވެ.

ޗެމްޕިއަންސް ލީގްގައި ރޭ ރެއާލް އާއި ޝަހުތަރު ބައްދަލުކުރި މެޗްގައި ރެއާލްގެ ރޮނާލްޑޯ އަތުން ބޯޅަ ހޯދުމަށް ޝަހުތަރު ގެ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ --- ފޮޓޯ:އޭޕީ
މެޗްގެ އެންމެ ފަހު 15 މިނެޓްގައި ޝަހުތަރުއިން ވަނީ ތިން ލަނޑު ޖަހައި ރެއާލްއަށް ޕްރެޝަރާ ކުރިމަތިކޮށްފައެވެ.
ޝަހުތަރަށް މި މެޗުގައި އެޓީމުން ޖެހި ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން އެލެކްސް ޓެކްސިއެރާ ކާމިޔާބު ކުރި 77 ވަނަ މިނެޓްގައެވެ.
އެ ޕެނަލްޓީއަކީ ރެއާލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމްގެ ކެސެމީރޯ ޝަހްތަރުގެ ތައިސަން ބާސެލޯސް ފްރީޑާއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.
އޭގެ ހަ މިނެޓުފަހުން ޝަހުތަރުން މެޗުގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ޑެންޓިންހޯ އެވެ.
ޝަހުތަރުން މެޗުގެ ފަރަގު އިތުރަށް ކުޑަ ކުރީ 88 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޓެކްސިއެރާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.