ދެކުނު ސަރަހައްދުގެ ގައުމީ އިދާރާ ސަރުކާރުން އުވާލުމާ ގުޅިގެން އެ އޮފީސް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަކަށް ހަމަޖައްސައި، އެ އޮފީހުން ދެމުންދިޔަ ހިދުމަތްތައް ކުރިއަށް އޮތްތަނުގައި ވެސް ދެމުންގެންދާ ގޮތަށް ނިންމައިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

"އަޅުގަނޑުމެން ނިންމައިފައިވަނީ އެ އޮފީސް ސިޓީ ކައުންސިލްގެ އިދާރާއަކަށް ހަމަޖައްސަން، އެތަނުން ކުރިންވެސް ދެމުންގެންދިޔަ މިނިސްޓްރީތަކުންދޭ ހިދުމަތްތައް ދެމުންގެންދާ ގޮތަށް،" އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު )ސޯބެ( މިއަދު ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ، އެ ނިންމުމާ ގުޅިގެން އެ އިދާރާގައި ވަޒީފާ އަދާކުރަމުންދާ ހުރިހާ މުވައްޒަފުން އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ބަދަލުކުރުމަށް އެދި ސިވިލް ސާވިސް ކޮމިޝަނަށާއި ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް މިއަދު ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެ އޮފީހުގައި 27 މުވައްޒަފުން މަސައްކަތްކުރަމުންދާ ކަމަށާއި އެއިން އެކަކުވެސް ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ދެކުނު ސަރަހައްދުގެ ގައުމީ އިދާރާ ސަރުކާރުން މިމަހުގެ ތިން ވަނަ ދުވަހު އުވާލައިފައިވަނީ، އައްޑޫއަކީ ސިޓީ އެއްގެ ދަރަޖަ ދީފައިވާ ތަނަކަށްވާތީ ސަރުކާރުންދޭ ހިދްމަތްތައް ގައުމީ އިދާރާއެއް މެދުވެރި ކުރުމެއް ނެތި ސީދާ އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށް ދިނުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ދެކުނު ސަރަހައްދުގެ ގައުމީ އިދާރާއަކީ ކުރިން އައްޑު އަތޮޅާއި ފުވައްމުލަކުގެ ކަންކަން ބަލަހައްޓަމުންދިޔަ ދެކުނު ޕްރޮވިންސް އޮފީހެވެ.