26 Nov 2015, 09:26
ގައުމުގެ އިންފްލޭޝަން ރޭޓަށް އަންނަ ބަދަލާ އެކީ މުވައްޒަފުންގެ މުސާރަތައް މައްޗަކަށް ނުޖެއްސޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ރޭ އޮތް "އިކޮނޮމިކް ޑައިލޮގް ވިތު ދަ ޕްރެޒިޑެންޓް" ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދު 10،000 ރުފިޔާގެ މުސާރައެއް ލިބޭ މީހަކަށް އިންފުލޭޝަނަށް އަންނަ ބަދަލާ އެކީ 15،000 ރުފިޔާގެ މުސާރައެއް ދިނުމަކީ ދައުލަތުގެ ބަޖެޓް ތަންދޭ ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ އެވަރުގެ ހަކަތައެއް ދައުލަތުގެ ބަޖެޓުގައި ނެތް ކަމަށެވެ.
"އިންފްލޭޝަން މައްޗަށް ދިޔައިމާ ތަކެތީގެ އަގު ބޮޑުވުން އެއީ އެއް މުސީބާތް. އަނެއް މުސީބާތަކީ އަޅުގަނޑުމެންގެ އާމްދަނީ އިތުރެއް ނުވޭ. އެހެންވީމާ ހަގީގަތުގައި އިންފްލޭޝަން މަތިވެގެން ދިޔައިމާ ރިއަލް އިންކަމް، ހަގީގަތުގައި އޭނާ ހޭދަކުރަން ލިބޭ ލާރި އޭނާ އަށް މުސާރަ އެއްވަރަށް ލިބުނު ކަމުގައިވީ ނަމަވެސް ހަގީގަތުގައި އޭނާ ހޭދަ ކުރާ ލާރި ނުވަތަ އޭނައަށް ލިބޭ މުސާރަ ކުޑަވެގެން އެ ދިޔައީ އިންފުލޭޝަން ބޮޑުވެއްޖިއްޔާ. މިކަހަލަ އުނދަގޫތައް މިހުންނަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ކޮންޓުރޯލް ކުރެވޭ މިންވަރެއްގައި އިންފުލޭޝަން ހިފެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ 2013 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ ގައުމަށް ތަރައްގީ ގެނެވޭނެ ރޭޓެއްގައި ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ވެސް ގައުމުގެ އިންފުލޭޝަން ރޭޓް ކުޑަ ކުރުން ކަމަށެވެ.

"އިކޮނޮމިކް ޑައިލޮގް ވިތު ޕްރެޒިޑެންޓް" ގެ ނަމުގައި ދަރުބާރު ގޭގައި ބޭއްވި، ވިޔަފާރި އާއި އިގްތިސާދީ ކަންކަމާ ބެހޭ ފޯރަމްގެ ބައިވެރިވި ސްކޫލު ކުދިންނާ ރައީސް ޔާމީން ސަލާމް ކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް
"މިވަގުތު އިންފުލޭޝަން ރާއްޖޭގައި ނެތޭ ވެސް ދެންނެވިދާނެ. މިހުންނަނީ އިގްތިސާދަށް އަންނަ ރަނގަޅު ބަދަލު. ދިވެހި ވިޔަފާރިވެރިން ވެސް އަދި ބޭރު މީހުން ވެސް ރާއްޖެއަށް އައިސް ކުރާ މަސައްކަތުގެ ތެރޭގައި އެ މީހުން އަބަދު މަސައްކަތް ކުރަނީއެއް އެ މީހުން ގެންނަ ފައިސާއަކު ނޫން. އަމިއްލަ ފައިސާ ވެސް ގެންނާނެ. އެކަމަކު އެއާ އެކީ އެ ދައުލަތްތަކުގައި ހުންނަ ބޭންކްތަކުން ލޯނު ހޯދާނެ. ރާއްޖެ އިން ބޭރުން ވެސް ލޯނު ހޯދާނެ. ރާއްޖޭގެ ބޭންކްތަކުގެ ލޯނުގެ އިންޓަރެސްޓް ރޭޓު ބޮޑުކަމަށް ވަންޏާ ރާއްޖެއަކުން ބޮރޯއެއް ނުކުރާނެ ނޫނިއްޔާ ބޮރޯ ކުރާ މިންވަރު ލިމިޓުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޑޮލަރުން ރާއްޖެ އަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަން އެބަޖެހޭ ކަމަށެވެ. އެގޮތުން ގައުމުގެ އިގްތިސާދު ފުޅާ ކުރަން އެބަޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތަރައްގީ ދިވެހިން އަމިއްލަ އަށް ގެންނަން އުޅެއްޖެ ކަމަށްވާ ނަމަ އަނެއްކާ ވެސް އިތުރު 10 އަހަރު މަޑުކުރަން ޖެހޭނެ ކަމަށެވެ.
"ހުޅުމާލެ ހިއްކުން ވެގެން ދިޔައީ ވަރަށް ރިވޯޑިން އަދި އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމަކަށް. އެކަމާ ވިސްނުން ތަފާތުވި ބޭފުޅުން ސަރުކާރުގައި ތިއްބެވި. އެހެންނަމަވެސް ރައީސް މައުމޫން އެކަން ކުރެއްވި. އޭރު އަހަރެމެން އަހަރެމެން ހޯދި ފައިސާ އަކުންނާ އަދި އަހަރެމެންގެ ޓެމްޕޯގައި އެކަން ކުރީމަ އޭރު ބިން ހިތްކަން ގާތްގަނޑަކަށް ހަތް އަހަރު ނުވަތަ ހަތް އަހަރު ބައި ނެގި. އެކަމަކު މިއަދު އަހަރެމެންނަށް މިހާރު އޮތް ހުޅުމާލެއަށް ވުރެ ބޮޑު ހުޅުމާލެއެއް އެއޮތީ ހިއްކާ ނިންމާފައި ހަތް އަހަރު ބަޔަކުން ނެއް ނޫން. ނުވަ ހަފްތާއިން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ބިމަކީ އުފެއްދޭނެ އެއްޗެއް ކަމަށާއި ރާއްޖޭގައި ފަޅުތައް އެބަހުރި ކަމަށެވެ. އަދި ތިލަ ފަޅުތައް ރާއްޖޭގައި އެހާމެ ގިނަ ކަމަށާއި އެހެންކަމުން 500 މިލިއަން ވަރު ހޭދަކޮށްގެން މިހާރު އޮތް ހުޅުމާލެ ވަރުގެ 35 ހުޅުމާލެ ހިއްކޭ ވަރުގެ ތަންތަން ރާއްޖޭގައި އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ބިން ބަޔަކަށް ގޮސްގެން ކަންބޮޑުވާން އެއްވެސް ދިވެހި ރައްޔިތަކު ނުޖެހޭނެ ކަމަށެވެ.