ޓެކްނޮލޮޖީ ބޭނުންކޮށްގެން އަންހެނުން ބާރުވެރި ކުރުވޭނެ ގޮތްތަކާއި އަންހެނުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައި ދެވޭނެ ގޮތްތަކުގެ ޚިޔާލު ހޯދަން އުރީދޫ އާއި "ވިމެން އޮން ބޯޑްސް" ޖަމިއްޔާ އިން ހުށަހެޅި 50،000 ރުފިޔާގެ އިނާމު "މަގޭ ލޯބިލޯބި ދަރިފުޅު" ޚިޔާލު ހުށައެޅި މިޒްނާ ގާސިމް ހޯދައިފި އެވެ.

އަޔޯލީ ރެސްޓޯރަންޓްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން "މަގޭލޯބިލޯބި ދަރިފުޅު"ގެ ހިޔާލު ހުށައެޅުއްވި މިޒްނާ ވިދާޅުވީ ދަރިން ގެންގުޅުމުގައި ބެލެނިވެރިންނަށް ތަފާތު ދަތިތަކާ ކުރިމަތިވާ ކަމަށާއި އޭނާ ބޭނުންފުޅުވީ އެކަމުގައި ބެލެނިވެރިންނަށް އެހީތެރިވެދިނުން ކަމަށެވެ.

"އަޅުގަނޑު ބޭނުންވީ ވެބްސައިޓެއް މެދުވެރިކޮށް ބެލެނިވެރިންނަށް އެހީތެރިވާން. ދަރިން ގެންގުޅުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލުކުރެވޭނެ ގޮތްތަކުގެ މައުލޫމާތު ވެބްސައިޓް މެދުވެރިކޮށް ބެލެނިވެރިންނަށް ފޯރުކޮށްދޭން،" މިޒްނާ ވިދާޅުވި އެވެ.

މިޒްނާ މިރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ\

މިޒުނާ ހުށައެޅި "މަގޭ ލޯބި ލޯބި ދަރިފުޅު" ހިޔާލަކީ "އީ ޕޭރެންޓަލް ސަޕޯޓް ގްރޫޕް"އެއް މެދުވެރިކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މައިންނާއި ދަރިންގެ ދިރިއުޅުން ދެނެގަނެ، އަދި އަހުލާގީ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީ އެކަންކަމަށް ހައްލު ހޯދައި ދިނުމަށް ހުށަހެޅި ހިޔާލެއް ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އަދި ވިމެން އޮން ބޯޑްސް އާ ގުޅިގެން ތައާތަފު ކުރި "ސުމާޓް އައިޑިއާސް ފޯ ވިމެން" ކާމިޔާބު ކުރި ފަރާތަށްދޭ ބައިލައްކަ ރުފިޔާ އަކީ އެ ފަރާތުގެ ހިޔާލު ހަގީގަތަކަށް ހެދުމަށް އުރީދޫ އިން ހުށައަޅާފައިވާ އެހީއެއް ކަމަށް އުރީދޫ އިން ބުންޏެވެ.