ތިމާގެ ގައުމަށް ބޭވަފާތެރިވުމުގެ އެއްވެސް ވިންދެއް ހިތު ތެރޭގައި ޖަހައިގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

"އިކޮނޮމިކް ޑައިލޮގް ވިތު ދަ ޕްރެޒިޑެންޓް" ހަފްލާގައި މިރޭ ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ދިވެހި ދިދައަށް ބަލާލައިފި ނަމަ ތިމާގެ ލޮލުން ކަރުނަ ތިއްކެއް އައިސްފި ނަމަ އެ ކަރުނަ ތިއްކެއް ވާންޖެހޭނީ ގައުމީ ވަންތައް ކަރުނަ ތިއްކަކަށް ކަމަށެވެ. އަދި ވިދާޅުވީ ގައުމަށް ހިދުމަތް ކުރުމަށް އެއްވެސް ޒުވާނަކު ފަސްޖެހިގެން ނުވާނެ ކަމަށެވެ.

"މަގުމައްޗެއް ނުވަތަ އެއްވެސް ތަނެއްގައި ހަޑި މުޑުދާރު ކަމެއް ނުވަތަ ބޭކާރު ގޮތެއްގައި ދިވެހި ޒުވާނަކަށް ވެފައި ހުރެ ގައުމަށް ބޭވަފާތެރިވުމުގެ އެއްވެސް އިހުސާސެއް އަޅުގަނޑުމެންގެ ވިންދުގައި ޖަހައިގެނެއް ނުވާނެ. އަޅުގަނޑުމެންގެ ލޮލުން ފައިބަންޏާ ފައިބަން ޖެހޭނީ ގައުމީ ވަންތަ ކަރުނަ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ޒުވާނެއްގެ ހިތުގައި އިހުސާސެއް ހިނގާ ކަމަށްވާ ނަމަ ހުންނަން ޖެހޭނީ ގައުމު އާރާސްތުކޮށް އިސްލާމީ ގައުމިއްޔަތެއްގައި އަންނަން އޮތް ޖީލަށް ދިވެހި ގައުމު ހަވާލު ކުރުން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނުގެ މެނިފެސްޓޯ އަމާޒު ކުރެވިފައިވާ ގޮތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީންގެ މެނިފެސްޓޯގެ މައިގަނޑު އަމާޒަކީ ރާއްޖެ އަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދައި ދިނުން ކަމަށެވެ.

"އެ މެނިފެސްޓޯގައި ހުރި ކަންކަން ހާސިލު ކުރުމަށް ޓަކައި އުނދަގޫ ބުރަ އެތައް އެތައް ކަނޑެއް އެތައް އެތައް މަގެއް ހުރަސްކޮށް މިހާ ހިސާބަށް އައިސް ދެ އަހަރު ވުމުގެ މި ފުރުސަތުގައި މި ދަނޑިވަޅުގައި އަޅުގަނޑުމެން ހުއްޓި އިކޮނޮމިކް ޑައިލޮގް ވިތު ދަ ޕްރެޒިޑެންޓް ކިޔާފައި މި ޕުރޮގުރާމް އަޅުގަނޑުމެންނަށް މި ބޭއްވުނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ "ރިސްކީ" އެއްވެސް ގައުމެއްގައި އިންވެސްޓަރަކު އިންވެސްޓް ކުރަން ނާންނާނެ ކަމަށެވެ. އަދި ވިދާޅުވީ ބިރުވެރިކަން ހިނގާ އަދި ބިރުވެރިކަން ހިނގަމުން އަންނަ އެއްވެސް ގައުމެއްގައި އިންވެސްޓަރަކު އިންވެސްޓެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އިންވެސްޓުކުރަން އަންނަ އިންވެސްޓަރުން މިހާރު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

"އޭގެން ދައްކައި ދެނީ މި ހަލޮބޮލި ދުނިޔޭގެ ތެރޭގައި ވެސް މި ހުރިހާ އަޑުތަކެއްގެ ތެރެއިން ވެސް މި ޕެރެޑައިސް ލައިކް ޑެސްޓިނޭޝަން ނުވަތަ މި ސުވަރުގެއެއް ފަދަ މި އަޖާއިބު ކުރުވަނިވި ދިވެހި ރާއްޖެ އަކީ އަދިވެސް އެންމެ ސޭފް ޑެސްޓިނޭޝަންއޭ އިންވެސްޓަރުންނަށް،" ސައީދު ވިދާޅުވި އެވެ.

މިރޭގެ ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސް ޔާމީން އެވެ. އެމަނިކުފާނު މިރޭ ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އާ ލޯން ސްކީމެއް ތައާރަފް ކޮށްދެއްވާފަ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީން މިރޭ ވަނީ މޯލްޑިވްސް ޖޮއިންޓް ބިޒްނަސް ގައިޑާއި އިންވެސްޓް މޯލްޑިވްސް ގައިޑް ރައީސް ޔާމީނަށް ހަދިޔާ ކުރައްވާފަ އެވެ.