ގދ. ވާދޫގައި މަސްހިފަން ގޮސް އުޅުނު ތިން މީހަކު މާވަހަރެއް ހޮވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވާދޫ ޖެޓީ ސަރަހައްދު 500 ފޫޓް ބޭރުން މާވަހަރު ހޮވާފައި ވަނީ ގދ.ވާދޫ، ސަނީސައިޑް، ޝަހީދު އަލީ އާއި ހިރުދުމާގެ، އަލީ އިދުރީސް އަދި ކ.ބޮޑު ހުރާ، ލަކީ ބީޗު، އިބްރާހިމް ނަސީމް އެވެ.

އެ މާވަހަރަކީ ބަރުމިނުގައި 360 ގްރާމް ހުރި މާވަހަރެކެވެ.

ސަން އަށް މައުލޫމާތު ދެމުން، މާވަހަރު ހޮވި ތިން މީހުންގެ ތެރޭގައި ހިމެނޭ ޝަހީދު އަލީ ބުނީ، އެ މީހުން ހޮވި މާވަހަރަކީ އަސްލު މާވަހަރެއްތޯ ޔަގީން ކުރުމަށް މާލެ ފޮނުވައި ޓެސްޓު ހަދާފައިވާ ކަމަށެވެ.

"މާލެ ގެންގޮސް ޓެސްޓު ކުރި އިރު އެއީ 'ކަޅު މާވަހަރެއް' ކަމަށް ޔަގީން ވެފައި ވަނީ" ޝަހީދު ބުންޏެވެ.

ޝަހީދު ބުނީ އެ މާވަހަރު ވިއްކުމަށް މިހާރު ނިންމާފައިވާ ކަމަށާއި އަދި ވިއްކުމަށްފަހު ލިބޭ ފައިސާ ތިން މީހުންގެ މައްޗަށް ބަހާލަންވެސް ނިންމާފައިވާ ކަމަށެވެ.