25 Nov 2015, 19:46
ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓެނިސް ސްޓޭޑިއަމެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ފޭސް ދެއެއްގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާ ލެއްވުމަށް ކުރެއްވި ޒިޔާރަތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓަރު ވިދާޅުވީ ޓެނިސް ސްޓޭޑިއަމް އެޅުމަށް ބޭނުންވާ ބިން ލިބުނުހާ އަވަހަކަށް އެ ސްޓޭޑިއަމް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
"ޓެނިސް ސްޓޭޑިއަމް އެޅުމުގެ އިތުރުން ޔޫތު ސިޓީއަކީ ޒުވާނުންގެ ސިޓީއަކަށް ވުމާއެކު އެކި ކަހަލަ ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ދާނީ ހުޅުވައިދެމުން. އެފަދަ ހިދުމަތްތައް އާންމުންނަށް ވީހާ ވެސް އަވަހަކަށް ފޯރުކޮށް ދިނުމަށް މި މަސައްކަތް ކުރަނީ،" ޒުހޫރު ވިދާޅުވި އެވެ.
ޓެނިސްއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ވަރަށް މުއްސަނދިންގެ މަގުބޫލުކަން އޮންނަ ކުޅިވަރަކަށް ވުމުން ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓެނިސް މުބާރާތްތައް ބާއްވަން ފެށުމުން ބޭރުގެ ބޮޑެތި އިންވެސްޓަރުން ޝައުގުވެރިކަން ފާޅު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެނިސް ސްޓޭޑިއަމްގެ މަސައްކަތުގެ އިތުރުން ރާއްޖޭގައި އަޅާ އެންމެ ބޮޑު ފުޓުބޯޅަ ސްޓޭޑިއަމް ވެސް ހުޅުމާލޭގައި އެޅުމަށް ވަނީ ނިންމާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ގިނަ މަސައްކަތް ކުރިއަށް ގެންދިޔުމަށް ފައިނޭންސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ. ބައެއް މަސައްކަތްތަކަށް މިހާރު ފަންޑު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.