ކާރެއްގައި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިކުރި ފުލުހުންގެ ތެރެއިން، ރ. މަޑުއްވަރީ، މީނާ، ހުޝާމް ހަމީދުއަށް ވަޒީފާ އަލުން އަބުރާ ދިނުމަށް މޯލިޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ހުޝާމް ފުލުހުންގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ހިންގުމަށް ފަހު ސިވިލް ކޯޓްގެ ގާޒީ އައިޝަތު ޝުޖޫން މުހައްމަދު މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ ހުޝާމް ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ ތަހުގީގަކުން ނުވަތަ ތަހުލީލަކުން ކުށެއް ކުރިކަން ސާބިތު ނުވަނީސް ކަމަށެވެ. އަދި ހުޝާމް ވަޒީފާއިން ވަކިކުރީ ފުލުހުންގެ ކޯޑް އޮފް އެތިކްސްއާ ހިލާފުވެގެން ކަމުގައިވާނަމަ، އެފަދަ ހާލަތެއްގައި އިދާރީ އަދަބެއްގެ ގޮތުގައި ވަޒީފައިން ވަކިކުރުމަކީ ކަމާ އެކަށީގެންވާ ނުވަތަ އެއް މިންގަނޑެއްގެ ފިޔަވަޅެއް ކަމުގައި ބެލެވެން ނެތް ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ފިޔަވަޅަކީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ ހ އާއި ށ އަދި 38 ވަނަ މާއްދާއިން ހުޝާމަށް ލިބިފައިވާ ހައްގު ހަނިވާފަދަ އަކުން، ގާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ވެސް ހުކުމްގައި ބުނެފައިވެ އެވެ.
ހުކުމްގައި ބުނެފައި ވަނީ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ހުޝާމް ކުރިން އަދާކުރަމުންދިޔަ ފަންތީގެ ވަޒީފާއެއް ދިނުމަށާއި ވަޒީފާއިން ހުޝާމް ވަކިކުރި ދުވަސް، ސެޕްޓެންބަރު 14، 2010 ފެށިގެން ވަޒީފާ އަނބުރާ ދިނުމާއި ހަމައަށް އޭނާއަށް ލިބެންވާ މުސާރައާއި އިނާޔަތްތައް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދިނުމަށެވެ. މަގާމުގެ ކުރިއެރުން ދިނުމަށް މެދުކެނޑުނު މައްދަތައް ގުޅުވާދިނުމަށް ވެސް ހުކުމްކޮށްފައިވެ އެވެ.

ކާރެއްގައި އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކި ކުރި ފުލުހުން ވެސް ވަނީ ފުލުހުންގެ މައްޗަށް ދައުވާކޮށްފަ އެވެ. އަދި ވަޒީފާ އަނބުރާ ހޯދުމަށް އެ ފުލުހުން ވަނީ ކޯޓްގައި ދައުވާކޮށްފަ އެވެ.