26 Nov 2015, 01:27
އިންޑިއާއަކީ ދީންތަކުގެ ހާއްޔެކެވެ. މެޖޯރިޓީ އޮތީ ހިންދޫންނެވެ. ހިންދުއިޒަމަށެވެ. ހިންދޫންގެ ގަބޫލުކުރުންތައް އުޅޭނީ ވަރަށް އުހުގަ އެވެ. އެއީ އާބާދީގެ 80 ޕަސެންޓެކެވެ. އެ މީހުންގެ އަގީދާއާ ބެހި، ބަހެއް ބުނާ މީހަކީ ވަރަށް "ވިޔާނުދާ" މީހެކެވެ.
ހިންދޫންނަަށް މިއަދު ވިޔާނުދާވެގެން އުޅެނީ އެ މީހުންގެ ފިލްމީ ދަރި އާމިރު ހާނެވެ. އާމިރު ހާން ބުނެވުނު އެއްޗެއްގެ ސަބަބުން އޭނާއާ ދެކޮޅަަށް ވެރިކަން ކުރާ ޕާޓީ ވެސް މިއަދު އޮތީ ތެދުވެފަ އެވެ. އުމުރުން 50 އަހަރުގެ މުސްލިމެއް ކަމަށްވާ އާމިރުހާން ބުނީ އިންޑިއާގައި ދީނީ ތަފާތު ކުރުންތަކުގެ ސަބަބުން އިންޑިއާގައި ދިރިއުޅެން އުނދަގޫ ވެއްޖެ ކަމަށެވެ.
އެކަމާ ގުޅިގެން އިންޑިއާގެ ގިނަ ބަޔަކު އޭނާ އަށް ފާޑު ކިޔަން ފެށުމުން އާމިރުހާން ބުނީ، ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވުމަކީ އެ ވާހަކައިގެ ތެދުކަން ކަމަށެވެ.
އަންގާރަ ދުވަހު އިންޑިއަން އެކްސްޕްރެސް އެވޯޑްސްގައި ވާހަކަ ދައްކަމުން އާމިރު ބުނި ގޮތުގައި އިންޑިއާގައި މިހާރު ދީނީ ތަފާތު ކުރުންތައް އިތުރުވެފައިވާ ވަރުން އެ ގައުމުގައި ދިރިއުޅުމަށް ވަނީ ދަތިވެފަ އެވެ. އަދި ގައުމުގައި އުޅުމަށް ބިރުވެރި ކަމުން އިންޑިއާ ދޫކޮށް ދާންވީތޯ އޭނާގެ އަންހެނުން، ކިރަން ރާއޯ އަހާފައިވާ ކަމަށް ވެސް އާމިރު ބުންޏެވެ.
"އޭނާ [ކިރަން] އަހަރުމެންގެ ދަރިންނަށް ޓަކައި ބިރުގަނޭ. އަޅުގަނޑުމެންގެ ވަށައިގެން ކުރިއަށް އޮތް ތާގައި ހިނގާނެ ކަންތަކާ މެދު ބިރުގަނޭ. ކޮންމެ ދުވަހަކު ނޫސް ކިޔަން ބިރުގަނޭ. އޭގެއިން އެބަ ދޭހަވޭ [އިންޑިއާގައި] ހަމަނުޖެހުންތައް އިތުރުވާކަން،" އާމިރު ޚާން ބުންޏެވެ.
އާމިރު އެހެން ބުނި ފަހުން އިންޑިއާގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރުމުން އާމިރު މިއަދު ނެރުނު ބަޔާނެއްގައި އޭނާ ވަނީ އޭނާ އިންޑިއާ ރައްޔިތަކަށް ވީތީ ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ. އަދި އިންޑިއާ ދޫކޮށް ދާން ނުވިސްނާ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އިންޑިއާގެ ހާލަތާ މެދު އޭނާ ބުނެފައިވާ ބަހާއި އަދިވެސް ޚިލާފު ނުވާ ކަމަށާއި، މިހާރު ގިނަ ބަޔެއްގެ ފަރާތުން ފެނިގެންދާ ދެކޮޅު ހެދުންތަކުން ދޭހަ ވަނީ އޭނާ އޭނާ ކުރިން ބުނި ވާހަކައިގެ ތެދުކަން ކަމަށް އޭނާ ބުންޏެވެ.
"އަހަރެންގެ ހިތުގައިވާ އެއްޗެއް ބުނުމުން އަހަންނާއި ދިމާލަށް ފާޑުކިޔާ މީހުންނަށް ހިތާމައާކު ބުނެލަން އޮތީ، އަހަރެން ދެއްކި ވާހަކައިގެ ހެކި އޭ ތިއީ،" އާމިރުގެ ބަޔާނުގައިވެ އެވެ.
އިންޑިއާގެ ގިނަ ބަޔަކު ދެކޭގޮތުގައި އާމިރު ދެއްކި ވާހަކައަކީ ގައުމުގައި ފިތުނަ އުފެދޭ ގޮތަށް ދައްކާފައިވާ ވާހަކަތަކެކެވެ. އަދި އެކަމާ ގުޅިގެން ނުރުހުން ފާޅު ކުރުމުގެ ގޮތުން ބައެއް މީހުން ދަނީ އާމިރުގެ ގެ ކައިރީގައި އޭނާ އާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
ވެރިކަން ކުރާ ޕާޓީ ބީޖޭޕީ އިން އާމިރާއި ދެކޮޅަށް ވާހަކަ ދައްކާފައި ވާއިރު އިންޑިއާގެ އިދިކޮޅު ޕާޓީ އިންޑިއަން ނޭޝަނަލް ކޮންގުރެސްއިން ވަނީ އާމިރު އަށް ވަނީ ތާއިދު ކޮށްފަ އެވެ. އަދި އިންޑިއާގެ ބައެއް ރައްޔިތުން ދަނީ އެގައުމުގައި ކޮންމެ މީހަކަށް ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން އޮތްކަން ފާހަގަ ކޮށް، ފާޑު ކިޔުން ހުއްޓާލުމަށް ގޮވާލަމުންނެވެ.