25 Nov 2015, 18:02
ހުދު ދޮންވެލީގެ ގޮނޑުދޮއް ފެނިފައި ސަނަމް ބޭންޑުގެ ބައިވެރިން ދުވެ ނަގަނީ އެވެ. ސަނަމްގެ އެކުވެރިން ސަކަރާތުގެ ތެރޭގައި ކުޅެފައިވާ ލަވައިގައި ސަނަމް ކިޔައިދީފައި ވަނީ ރީތިލަވައެކެވެ. އެއީ މީގެ 45 އަހަރު ކުރިން ނެރުނު މަޝްހޫރު ހިންދީ ފިލްމު "ދަ ޓްރެއިން"ގެލަވައެކެވެ.
ރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ބޮޑު ސިޓީގައި ސަނަމް ކުޅެފައި ވަނީ "ގުލާބީ އާނކޭ" އެވެ. މިއީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ ރާއްޖޭގައި ކުޅުނު ދެ ވަނަ ވީޑިއޯ ލަވަ އެވެ.
ލަވަ ފަށާފައި ވަނީ އައްޑޫގެ ފޭދޫ އާއި މަރަދޫފޭދޫ ގުޅުވައިދޭ ލިންކު ރޯޑުގެ މަންޒަރަކުންނެވެ. އެ ލަވައިގެ ބޮޑުބައި ކުޅެފައި ވަނީ އައްޑޫގެ ކަނިރީފު ރިޒޯޓުގަ ގޮނޑުދޮށުގަ އެވެ. ފެހިކަން ގަދަ ގަސްތަކާއި ހުދު ދޮންވެލީގެ ތުނޑިއެއްގައި ސަނަމްގެ ބޭންޑުގެ ބައިވެރިން ލަވަ ކިޔަމުން ސަކަރާތް ޖަހާތަން އެ ލަވައިން ފެނެ އެވެ.
ލަވައިގެ މަންޒަރުތަކުގައި ސަނަމް ބޭންޑުގެ ބައިވެރިން މަގުތަކުގައި ބައިސްކަލް ދުއްވައި ބީޗާއި މޫދުގައި ބޯޅަ ކުޅޭ މަންޒަރު ވެސް ފެނެ އެވެ.
ސަނަމްގެ އެ ވީޑިއޯ ލަވަ ރިލީޒްކޮށްފައި ވަނީ މިއަދު ސަނަމްގެ އޮފިޝަލްފޭސްބުކް ފޭޖުގައެވެ. އޭގެ ފަހުން ސަނަމްގެޔޫޓިބް ޗެނަލްއަށް ވެސް ވަނީ އެ ލަވަ އަޕްލޯޑްކޮށްފަ އެވެ. އެ ވީޑިއޯ ރިލީޒް ކުރަމުން ސަނަމްގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ އެއީ އެންމެ ކަމުދާ ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެއް ކަމުން އަލުން އެ ލަވަ ކިޔާލީ ކަމުގަ އެވެ.

"ގުލާބީ އާނކޭ"ގެ ވީޑިއޯ ލަވައިގެ މަންޒަރެއްގެ ތެރެއިން --
މީގެކުރިން ވެސް ސަނަމް ބޭންޑުން ވަނީ ރާއްޖޭގައި ކުޅުނު ވީޑިއޯލަވައެއް ރިލީޒްކޮށްފަ އެވެ. ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާއެކު ކުޅެފައިވާ އެ ވީޑިއޯ ލަވަ ރިލީޒްކޮށްފައި ވަނީ މީގެ ދެ ހަފްތާ ކުރިންނެވެ. "ޔެ ވާދާ ރަހާ" މި ލަވައިގެ ވީޑީއޯއަށް ވެސް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ. އެ ލަވައިގައި ސަނަމް ވަނީ ދިވެހިން ވެސް ލަވަ ކިޔާފަ އެވެ.

"ގުލާބީ އާނކޭ"ގެ ވީޑިއޯ ލަވައިގެ މަންޒަރެއްގެ ތެރެއިން --
ރާއްޖެއަށް އެންމެ ފުރަތަމަ ސަނަމް ބޭންޑުން އައިސްފައި ވަނީ "ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް" ޝޯގައި ޕާފޯމްކުރުމަށް މިއަހަރު ޖުލައި މަހުގެ ތެރޭގަ އެވެ. އޭރު ސަނަމް ބޭންޑުން ވަނީ ރާއްޖޭގެ ހިތްގައިމުކަމަށް ތައުރީފުކޮށްފަ އެވެ.

"ގުލާބީ އާނކޭ"ގެ ވީޑިއޯ ލަވައިގެ މަންޒަރެއްގެ ތެރެއިން --
ސަނަމް ބޭންޑުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ރާއްޖޭގެ ހިތްގައިމުކަމާ ރީތިކަން ދައްކުވައިދޭ ތަފާތު ޕޯސްޓުތަށް ކޮށްފައިވާ އިރު، އެތަނުން އެއް ޕޯސްޓުގައި ބުނެފައި ވަނީ ރާއްޖޭގެ ހިތްގައި މޫދުން އުފާލިބިގަންނަނީ ކަމަށާއި ސަނަމް ބޭންޑު ރޭއްޖެ ދެކެ ލޯބިވާ ކަމަށެވެ.